އަންނަ ބޮޑު އީދާ ދިމާކޮށް ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވާތީ ސަރުކާރު މުވައްޒަފުންގެ މުސާރަ މި މަހުގެ 22ގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީ އިން އަންގައިފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނީ، މި މަހުގެ 25 އިން 29 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައި ވާތީ، ޖޫން މަހުގެ މުސާރަ އެ މިނިސްޓްރީ އިން ޕްރޮސެސް ކުރާނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 22 ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތައް ދިނުމުގައި މަސައްކަތްތައް ލުއިފަސޭހަކޮށް އަދި އަވަސް ކުރުމަށްޓަކައި، ޖޫން މަހުގެ މުސާރަ އާއި އިނާޔަތްތައް ވަކި އޫސޫލުތަކެއްގެ ދަށުން ކުރުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ. މީގެ ތެރޭގައި ހިމެނެނީ މި މަހުގެ މުސާރައިގެ އިތުރުން މުސާރަ ދޭ ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އަދި އިތުރު ގަޑީގެ ފައިސާ އާއި ގަޑީ ލާރި ހިސާބު ކުރުމުގެ މުއްދަތަކީ ނިމިދިޔަ މަހުގެ 16 އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެކައުންޓްސް ޕޭޔަބަލް މޮޑިޔުލް" ބޭނުން ކުރާ އޮފީސްތަކުން މުސާރަ ވައުޗަރުތައް މި މަހުގެ 19 ގެ މެންދުރު 14:00 ކުރިން، ސިސްޓަމްގައި ޕޯސްޓްކޮށް ނިންމުމަށާއި، ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެޗްއާރް މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން މުސާރަ ޕޯސްޓު ކުރުމަށްޓަކައި މި މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އަކީ އެ މިނިސްޓްރީއިން ސިސްޓަމް "އެގްޒިޓް" ކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް ވާތީ އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެޗްއާރް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން މި މަހުގެ 18 ގެ ކުރިން މުސާރަ ޕޯސްޓް ކުރުމަށް ވެސް ވަނީ އަންގާފައެވެ.

އާންމުކޮށް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވަނީ ކޮންމެ މަހެއްގެ ވެސް 28 އާއި 30 އާ ދެމެދުއެވެ. އެހެން ނަމަވެސް، ހައްޖު ދުވަހުގެ ކުރިން މި މަހުގެ 25 އަދި 26 ވަނަ ދުވަސް، ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެއާއެކު ބޮޑު އީދަށް ލިބޭ ޗުއްޓިއަށް ފަހު ދެން ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.