މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުންނަށް އިންޒާރުދީ ބިރުދައްކާ ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރައްވައިފިއެވެ.
މެންބަރު ރޮޒައިނާ މިގޮތަށް ތުހުއްމަތު ކުރައްވާފައި ވަނީ ނަޝީދު ހުޅުމާލެ ދާއިރާގެ އެމްޕީ އަލީ ނިޔާޒަށް އިންޒާރު ދެއްވާ ކަމަށް ބުނާ ވީޑިއޯއެއް ޓުވީޓުކުރައްވާއެވެ.
މަޖިލިސް ކުރާ ގޭގެ ގޯތި ތެރޭގައި ނަގާފައިވާ މި ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދު އަވަސް ހިނގުމެއްގައި ވަޑައިގެން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާއަށް އިނގިލި ދިއްކުރައްވައި ކޮންމެވެސް ވާހަކައެއް ވިދާޅުވާ މަންޒަރެވެ. ވީޑިއޯގައި ރައީސް ނަޝީދު ދައްކަވާ ވާހަކަ ސާފެއް ނުވެއެވެ.
އެ ޓްވީޓްގައި ރޮޒައިނާ ވިދާޅުވީ މަޖިލިސް ތެރޭ މަޖިލިސް ރައީސް މެންބަރުންނަށް އިންޒާރުދެއްވައި ބިރުދައްކަމުން ގެންދަވާ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. މެންބަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭ ފަރާތުން މިއަދު އެތައް މެންބަރުންނަކަށް ބިރުދައްކާ، މަޖިލިސް ނައިބުރައީސްގެ މައްސަލަ އަނބުރާ ގެންދަން އަންގާ އިންޒާރުދީފައިވާ ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އެ ވީޑީއޯގައި އަލީ ނިޔާޒަށް ކުރެއްވީ އެ މަނިކުފާނަށް ގެއްލުންދިނުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ފޮނުއްވި ކަމުގެ ތުހުމަތެވެ. ނަޝީދުގެ މި ތުހުމަތަކީ މަޖިލީހުގެ ތެރޭގައި މެންބަރު މުގުނީއާ އެމަނިކުފާނާ ދިމާލަށް ބޭ އަދަބީ ބަހުން މުއާމަލާތް ކުރައްވާތަން ފެންނަ ވީޑިއޯއަކުން އުފެދުނު ތުހުމަތެއް ކަމަށް ބެލެވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެން ގޮތުގައި ނަޝީދު މަޖިލީހުގެ ރިޔާސަތުން ފައިބާވަޑައިގެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާ ވާހަކަދެއްކެވުމަށް ވަޑައިގަތުމުން ތިނަދޫ އުތުރު ދާއިރާގެ އެމްޕީ އަބްދުލް މުޣުނީ އަތް ދިއްކުރައްވަމުން ނަޝީދާ ދިމާލަށް ވަޑައިގެން "ތިޔަހުރީ ހޭބަލިވެފައި"ކަމަށް ވިދާޅުވެއެވެ. އަސްލަމް ވަނީ މުގުނީ ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ.
މަޖިލީހުގެ ރައީސް މެންބަރުންނަށް އިންޒާރު ދެއްވާ ކަމަށް ބުނާ ވީޑިއޯއެއް އާންމުވެފައި ވާއިރު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.