މިދިޔަ މަހު އިއުލާން ކުރާނެ ކަމަށް ބުނި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާން ކުރާނީ މި މަހުގައި ކަމަށާއި މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން އަކްރަމް ވިދާޅުވީ، ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށާއި، ފޯމްތައް ދިރާސާ ކުރުމުގެ މަސައްކަތް ވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ ކުރިން މެއި މަހު ދާއިމީ ލިސްޓް އިއުލާން ކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވެފައި ވީ ނަމަވެސް މި މަހަށް ފަސްވެފައިވާ ސަބަބު ހާމަކުރައްވަމުން އަކްރަމް ވިދާޅުވީ، އެންމެ ފުރަތަމަ ޓާގެޓް ކުރީ މެއި މަހުގައި އެ ލިސްޓް އިއުލާން ކުރަން ކަމަށެވެ. ނަމަވެސް ރައީސް އބްރާހިމް މުހައްމަދު ސޯލިހް، ޖޫން މަހު ލިސްޓު އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ، ރައީސްގެ އެ ނިންމެވުމާ އެއް ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ގޯތި ދޫކުރަން ނިންމާފައިވާ އަދަދަށް ވުރެ އިތުރަށް ގޯތި ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ބިމަށާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުން ގަޑި ހަމަވި އިރު، ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަން ހުށަހަޅާފައިވާ އިރު، ގޯތި ހޯދުމަށް 15،164 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.
މާލޭގައި ބޯހިޔާވަހި ކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ގެ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ކުރިން ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި، ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން 2،000 ގޯއްޗެވެ. އަދި 4000 ފްލެޓް ވެސް މި ސްކީމްގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.