ތިމާވެށީގެ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

އުކުޅަކަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރްހަބާ ދެންނެވީ އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެ މިނިސްޓްރީގެ ވެރިންގެ އިތުރުން، ކަައުންސިލް މެމްބަރުންނާއި އެ ރަށުގެ ރައްޔިތުންނެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި އެ ރަށުގެ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ބީޓް ޕްލާސްޓިކް ފެސްޓިވަލް" ރައީސް ވަނީ ބައްލަވާލައްވާފައި ކަމަށެވެ. އެ ފެސްޓިވަލްގައި 7 އެންޖީއޯ އަކުން ވަނީ ބައިވެރިވެފައެވެ.

އުކުޅަހުގައި ބޭއްވި ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

އެ ހަރާކާތުގައި ބައިވެރިވެފައިވާ އެންޖީއޯތަކަކީ، ނޫ ރާއްޖެ، މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮޖެކްޓް، ސްމޯލް އައިލެންޑް ޖިއޯގްރަފިކް ސޮސައިޓީ، ސަމިއްޔާސް ޗޮއިސް، މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އަދި ފަހި ކާނާއެވެ. މީގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން 4 ސްޓޯލެކެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭނުންކުރާ ޝިއާރަކީ “ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!” ޝިއާރެވެ.

ރައީސް އުކުޅަކަށް ކުރައްވާ ދަތުރުފުޅުގައި އުކުޅަހުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.