ޗާގޯސް މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރާނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނިމުމުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މި މައްސަލާގައި ޝާހިދަށް އެ ނޯޓިސް ފޮނުވާފައިވަނީ މިދިޔަ މަހުގެ 21ގައެވެ. ޖަވާބުދާރީވުމަށް ޝާހިދުއަށް ފޮނުވާފައިވާ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެފައިވާއިރު މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީއެވެ.
ކޮމިޓީތައް އެކުލަވާލައި ނިމުމާއެކު، އެ މައްސަލަ އެޖެންޑާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އިން ކަނޑައެޅި މައްސަލައިގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. އެ މައްސަލަ މަޖިލީހަށް އިދިކޮޅުން ހުށަހެޅީ ޕްރޮފްރެސިވް ކޮންގްރެސް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ސޮޔާ އެކުގައެވެ. އެއީ ޖުމްލަ 13 މެންބަރުން ސޮއި ހިމަނައިގެންނެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައިވާ ގޮތުން، ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ކަމަށެވެ.
ޝާހިދުގެ އިތުރުން މި މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ބެލުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރު ކަމަށް ވާއިރު ރިފްއަތު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައެވެ.
ނަމަވެސް މައްސަލަ ކުރިއަށް ގެންދިއުމަށް މެންބަރުން އެއްބާރުލުން ނުދިނުމުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކާ ނުލައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.