އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާއާއި އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަން ހަމަޖައްސައިފިއެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ މިދިޔަ 2021 ވަނަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގައި ލަމްހާގެ ބަންދަށް ލުޔެއް ދޭން އޭނާގެ ފަރާތުން ކުރިން އެދިފައިވާތީ ބަންދަށް ލުއި ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އޮތީ ވިދާޅުވެފައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޝަރީއަތުގައި އިތުރު 3 މީހެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ ނަރުހަކާއި ދެ ފުލުހެއްގެ ހެކިބަހެވެ. އެންމެ ފުރަތަމަ ހެކިބަސް ދިނީ އައިޖީއެމްއެޗްގެ އިމަޖެންސީ ވޯޑްގައި އިސްކޮށް މަސައްކަތްކުރާ ނަރުހެކެވެ. އޭނާ ބުނީ، މޭރީ ގްރޭސްގެ ހަށިގަނޑު ގެނައިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި، މޫނު މައްޗަށް ހުރީ ދަނބުކުލަ އަރާފައި ކަމަށެވެ.
ދެވަނައަށް ހެކިބަސް ދިނުމަށް ފުލުހެއް ހާޒިރުކޮށްފައިވާއިރު ކޯޓު އަމުރެއްގެ ދަށުން އެތަން ފާސް ކުރިއިރު ބައެއް އިންޖެކްޝަންތައް ފެނިގެން އެކަމާ ގުޅިގެން ލަމްހާއާ ސުވާލު ކުރުމުން އެއީ އައިޖީއެމްއެޗުން އޭނާ ގެނެސްފައިވާ ތަކެތި ކަމަށް ބުނެފައިވާ ކަމަށް އެ ފުލުސް މީހާ ވަނީ ބުނެފައެވެ. އެ ފުލުސް މީހާ ބުނިގޮތުގައި އެ އިންޖެކްޝަންތައް އޭރު ހުރީ ނުކަނޑައެވެ.
އިތުރު ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނަގާފައިވާއިރު އޭނާ ބުނީ. އިންޖެކްޝަންތަކެއް އެތަނުން ފެނިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ތަނަކުން އާދަޔާ ހިލާފް ކަމެއް ނުފެންނަ ކަމަށެވެ.
ލަމްހާގެ ގެ ބަލައިފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ، އަދި މީހަކު މަރައިލެވިދާނެފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާކަމުގެ ނިޝާން ފެންނަން ހުރިކަމަށް ދައުލަތުގެ ވަކީލު މީގެ ކުރިން ވިދާޅުވިއެވެ.