އައްޑޫ ސިޓީގައި ބިން ހިއްކުމުގެ މަޝްރޫއު ފެށީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބަށް 3 މަހަށް ވުމުން ފައްޓާ މަޝްރޫއުތައް ގުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމާ ކަމަށާއި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޖަލަށް ލާފައި ވަޒީފާ ބަހަނީ ކަމަށެވެ. އަދި ވޯޓަށް ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއުއަކީ ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު ބިޔަ މަޝްރޫއުއަށް ވާއިރު އެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްލަ 1.1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާއި އެމްޓީސީސީންނެވެ. ބިން ހިއްކުމުގެ ކުރިން، ހިއްކާ ސަރަހައްދުން މުރަކަތައް ނަގައި އެެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. އެގޮތުން، 70،000 މުރަކަ ކޮލިނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ.

އައްޑޫގެ ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫއާއި މަރަދޫ އަދި މަރަދޫފޭދޫ އަދި ހުޅުމީދޫންނެވެ. ހިތަދޫ 90 ހެކްޓަރާއި މަރަދޫ އާއި މަރަދޫފޭދޫން 76 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫގައި 23.3 ހެކްޓަރުގެ ބިން ހިއްކާ އިރު ސިޓީގެ ރަށްރަށުގެ ފަޅުތައް ހިއްކައިގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވެސް ވަނީ ނިންމާފައެވެ.