ފާއިތުވި 10 އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 288 މީހަކު މަރުވެ 800 މީހަކު ޒަހަމްވެފައި ވާ އިރު، އިހުމަލުވާ އެންމެނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ވަނީ، އެކްސިޑެންޓް ހިނގި ސަރަހައްދަށް ވަޑައިގެން އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ. އަދި ޒަހަމްވެ ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވާ މީހުންނަށް ޒިޔާރަތް ކުރައްވާ ހާލު ބައްލަވާފައި ވާ އިރު، އޭނާ ވިދާޅުވީ، އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި "ނުފުރޮޅާނެ އެންމެ ގަލެއްވެސް ނުބާއްވާނެ" ކަމަށެވެ. ނުވަތަ ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދެއްވާނެ ކަމަށެވެ.

އަދި އެ ހާދިސާ އަކީ 'ހިތްދަތި" ހާދިސާއެއް ކަމަށާއި ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާތަނަށް ސާފުވަމުން ދާ ހަބަރުތައް ބުނާގޮތުން، ގާތްގަނޑަކަށް 2000 މީހުން ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހެން ދިމާވީ، ކަލްކަތާ އިން ޗެންނާއި އަށް ދިޔަ ކޮރޮމޮންޑަލް އެކްސްޕްރެސް ރޭލު، ދަތުރު ކުރަމުން ދިޔަ ދަގަނޑު، ބަލަސޯރު އަވަށާ ހަމައިން ބަދަލު ކުރުމުން، އެހެން ދަގަނޑެއްގައި ޕާކު ކޮށްފައި އޮތް މުދާ އުފުލާ ރޭލެއްގައި ޖެހި، ކޮރޮމޮންޑަލް އެކްސްޕްރެސް ގެ ކޯޗްތައް ދަގަނޑުން ކައްސާލައިގެން ދެފަރާތަށް ގޮސްފައި އޮތް ވަގުތު އަނެއްކޮޅުން އައި ހޮއުރާ ސުޕާފާސްޓް އެކްސްޕްރެސް އެ ކޯޗުތަކުގައި ޖެހިގެންނެވެ. ހޮއުރާ ރޭލު ދަތުރު ކުރަމުން އައީ ޔަޝްވަންތްޕޫރުން ހޮއުރާއަށެވެ.

ރެއިލްވޭ އޮފިޝަލުން ބުނާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވި ވި ސީދާ ސަބަބު އަދި މުޅިން ސާފުވެފައި ނެތް ނަމަވެސް ކޮރޮމޮންޑަލް އެކްސްޕްރެސް، މުދާ އުފުލާ ރޭލުގައި ޖެހެން މެދުވެރިވީ ބަލަސޯރާ ހަމައިން ނުބައި ސިގްނަލެއް ދިނުމުން ރޭލުގެ ދަގަނޑު ބަދަލު ކުރުމުންނެވެ. އިންޑިއާ އަކީ ގިނަ އަދަދެއްގެ ރޭލު ދުއްވާ ގައުމަކަށް ވާއިރު އެއްފަހަރާ ގިނަ ރޭލު ދުއްވަން ގިނަ އަދަދެއްގެ ދަގަނޑު ގާތްގާތުގައި އަޅާފައި ހުރެއެވެ. ރޭލު ދަގަނޑު މަތިން ދާ އިރު، މަގު ބަދަލުކުރާނީ އެކަމަށް ކޮންޓްރޯލް ރޫމުން ސިގްނަލް ދީ، ދަގަނޑު ބަދަލު ކުރުމުންނެވެ. ގިނަ ސިޓީތަކަށް ގުޅިފައި ހުންނަ ހައިވޭއެއް ހެން އެއް ސިޓީން އަނެއް ސިޓީއަށް މަގުބަދަލު ކުރާނީ ދޭ ސިގްނަލާއެކު ރޭލު އޮންނަ ދަގަނޑު ބަދަލު ކޮށްގެންނެވެ.

އިންޑިއާގައި ހިނގާފައި ހުރި ނުރައްކާތެރި ބައެއް ރޭލު އެކްސިޑެންޓްތައް؛

  • އޮގަސްޓް 1995: ދިއްލީއާ 200 ކިލޯމީޓަރު ދުރުގައި ދެ ރޭލެއް ޖެހި 350 މީހުން މަރުވެފައި ވޭ
  • އޮގަސްޓް 1999: ކަލްކަތާ ކައިރިން ދެ ރޭލެއް ޖެހި 285 މީހަކު މަރުވެފައި ވޭ
  • އޮކްޓޯބަރު 2005: އަންދަރަ ޕްރަދޭޝްގައި ރޭލު އެކްސިޑެންޓެއް ހިނގައި 77 މީހަކު މަރުވެފައި ވޭ
  • ނޮވެމެބަރު 2016: ކާންޕޫރު ކައިރިން އިންޑޯ ޕަޓްނާ އެކްސްޕްރެސް އެކްސިޑެންޓުގައި 150 މީހަކު މަރުވެފައި ވޭ

މިހާދިސާގައި ޒަހަމްވެ އަދި ތާށިވެފައި ތިބި އެންމެން ސަލާމަތުން ނެރެފައި ވާ އިރު، ސަލާމަތްވި ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ ރޭލުތައް އޮތީ ފުރިބާރުވެފައި ކަމަށާއި އެކްސިޑެންޓް ވި ވަގުތު ނުވަތަ ޖެހުނު ވަގުތު އެންމެން ދިޔައީ ވިއްސައިގެން ކަމަށެވެ. ރޭލަކީ، ދަގަނޑު ފޮށިގަނޑެއްގައި ތޭރި ޖެހި ކުޑަދޮރުތަކެއް ލައިފައި ދިގުކޮށް އޮންނަ އެއްޗެއް ކަމުން، އެކްސިޑެންތްތައް ހިނގިޔަސް ރޭލު ފަޅައިގެން ނުދަންޏާ އޭގެތޭގައި ތިބޭ މީހުން ބޭރަށް ވެއްޓުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެން ކަމުން މި އެކްސިޑެންޓުގައި ވެސް ގިނަ ބަޔަކު ތިބީ ރޭލު ބުރިތައް [ކޯޗް] ތަކުގެ ތެރޭގައި ތާށިވެފައެވެ.

އޮފިޝަލުން ބުނެފައި ވާ ގޮތުގައި މިހާދިސާގައި މަރުވި އެންމެންނަކީ ކޮރޮމޮންޑަލް އެކްސްޕްރެސްގައި ތިބި މީހުންނެވެ.