ޕާކިސްތާންގެ ކަރާޗީން އަބޮއްޓަބާދަށް ގިނަ ބަޔަކު އަރުވައިގެން ދަތުރު ކުރި ރޭލެއް ނަވާބްޝާހުން ދަގަނޑުމަތިން ކައްސާލައި ހިނގި އެކްސިޑެންޓެއްގައި 15 މީހަކު މަރުވެ 40 މީހަކު ޒަހަމްވެއްޖެއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިރު އޮފިޝަލުން ބުނެފައި ވަނީ މިއީ ބޮޑު އެކްސިޑެންޓެއް ކަމަށާއި އަނިޔާވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެން ވާ ކަމެއް ކަމަށެވެ.

އިތުރަށް އޮފިޝަލުން ބުނީ، ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި އަވަސް ކަމަށާއި އެއީ މެކޭނިކަލް ފޯލްޓަކުން ވީ ކަމެއްތޯ ނުވަތަ ޓެރަރިޒަމްގެ ކަމެއްތޯ ދެނެގަތުމަށް ތަހުގީގުތައްވެސް ފަށާފައި ވާ ކަމަށެވެ.

އެކްސިޑެންޓްގެ މަންޒަރުތައް ފެންނަ ބައެއް ފޮޓޯތައް އާންމުވެފައި ވާއިރު، އެނބުރިގައި އޮތް ރޭލުގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި ވާތަން ފެނެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވާތަން ވެސް ފެނެއެވެ.

ޕާކިސްތާންގައި މިބާވަތުގެ އެކްސިޑެންޓްތަކަކީ އާންމުކޮށް ހިނގާ އެކްސިޑެންޓް ކަމަށް ވާއިރު 2021 ގެ ޖޫންގައި ހިނގި މިފަދަ އެކްސިޑެންޓެއްގައި 65 މީހަކު މަރުވެ 150 މީހަކު ޒަހަމްވެފައި ވެއެވެ. އެފަހަރުވެސް އެކްސިޑެންޓް ހިނގީ ނަވާބްޝާހް އޮންނަ ސިންދް ޕްރޮވިސްގައެވެ. އެފަހަރު ދެރޭލެއް އެކްސިޑެންޓް ވީއެވެ.

އަދި 2019 ވަނަ އަހަރު ރޭލެއްގައި ރޯވެ ހިނގި އެކްސިޑެންޓެއްގައި 75 މީހަކު މަރުވެފައި ވާ އިރު 2005 ގައި ދެރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 100 މީހަކު މަރުވެފައި ވެސް ވެއެވެ.