ޗައިނާގެ ވެރިރަށް ބެއިޖިންގެ ޗޭންގްޕިން ސަބްވޭގައި 2 ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 500 އެތައް މީހަކަށް އެކިވަރުގެ އަނިޔާވި އިރު 102 މީހެއްގެ ހަށިގަނޑުގެ އެކި ކަށިތައް ބިނދިފައި ވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

މި ދުވަސްވަރަކީ ޗައިނާއަށް ބޯ ސްނޯ ފައިބަމުން ދާ ދުވަސްވަރަކަށް ވާއިރު މިހާދިސާ ހިނގީ, ސްނޯގެ ސަބަބުން ރޭލަށް މަގުދައްކާ ލައިޓްތަކަށް މައްސަލަ ދިމާވެ, މުޑިއެރި ރޭލުގެ ކުރިން ދުއްވަމުން ދިޔަ ރޭލު ކުއްލިއަކަށް ބްރޭކް ޖައްސާ މަޑުކުރުމާއެކު ފަހަތުން އައި ރޭލު ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ. އަދި ޖެހުނުލެއް ބާރުކަމުން, އެއް ރޭލެއްގެ އެއް ކެރިއޭޖް [އެއް ބުރި] ވަކިވެގެން ދިޔަ ކަމަށާއި, ވަކިވީ އެތަނުން ކޮން ރޭލެއްގެ ކެރިއޭޖެއް ކަމެއް އަދި ސާފު ނުވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގި ވަގުތު ކަރަންޓް ދިޔުމާއެކު ފަސިންޖަރުން ހާސްކަމާއެކު ރޭލުން ނިކުންނަން މަސައްކަތް ކޮށްފައި ވެއެވެ. ބައެއް މީހުން ރޭލުގެ ކެރިއޭޖުގް ކުޑަދޮރުތައް ތަޅާލައި ނިކުމެފައިވާ ކަމަށް ވެސް ބުނެއެވެ.

މިހާދިސާގައި އަނިޔާވި 500 މީހުންގެ ތެރެއިން 423 މީހަކު ފަރުވާއަށް ފަހު ދޫކޮށްލާފައި ވާ އިރު ހާލު ސީރިއަސް 67 މީހަކު އަދިވެސް ތިބީ ހޮސްޕިޓަލްގައެވެ. މިމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ފުރިހަމަ ތަފްސީލު ނުލިބުނު ނަމަވެސް ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނެފައި ވަނީ, 102 މީހެއްގެ ހަށިގަނޑުގެ އެކި ގުނަވަންތައް ބިނދިފައިވާ ކަމަށެވެ.