އާންމުން އަރުވައިގެން ދަތުރު ކުރި ދެ ރޭލެއް އިންޑިއާގެ އޮޑިޝާގެ ބަލާސޯރު އަވަށާ ހިސާބުން ޖެހި މޫޑި އަރާ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 230 މީހަކު މަރުވެއްޖެއެވެ. މި 2 ރޭލު ޖެހި ގޮސް އިތުރު ރޭލެއްގައިވެސް ވަނީ ޖެހިފައެވެ. އެއީ މުދާ އުފުލާ ރޭލެކެވެ.

އިންޑިއާގެ އިދާރާތަކުން ބުނާ ގޮތުގައި، މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. މިހާދިސާގައި މިހާތަނަށް ސާފުވި އަދަދުތަކުން އެނގޭ ގޮތުގައި 900 މީހަކު ޒަހަމްވެފައިވެސް ވެއެވެ.

މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ އިރު 200 އަށް ގިނަ އެމްބިއުލާންސާއި 180 އެއްހާ ޑޮކްޓަރުން، އެކްސިޑެންތް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެއްބަޔަކު ޒަހަމްވި މީހުން ހޮސްޕިޓަލް ތަކަށް ގެންދިޔުމުގައި އެހީތެރިވަމުން ދާ އިރު އަނެއް ބަޔަކު ދަނީ، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ވަގުތީ ފަރުވާ ނުވަތަ އަވަސް ފަރުވާ ދެމުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގއި ހަރަކާތަތެރިވާ ފަރާތްތަކުން މުޑި އަރާފައިވާ ރޭލުތަކުގެ މަތީގައި ހަރަކާތްތެރިވާ އިރު، ތާށިވެ ނުނުކުމެވި އަދި ޒަހަމްވެފައި ތިބި މީހުން ގިސްލާ ރޯ އަޑު އިވެމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އިންޑިއާ ގަޑިން ރޭ 7 ޖަހާ ހާއިރުއެވެ. އެއް ރޭލު އައީ ބެންގަލޫރުން ހޮއުރާ އަށެވެ. އަނެއް ރޭލު ދިޔައީ ކޮލްކަޓާ އިން ޗެންނާއީއަށް ދާށެވެ. އޮޑިޝާގެ ބަލާސޯރާ ހަމައިން ދެ ރޭލު މުޑިއަރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އިދާރާތަކުން އަދި ރަސްމީ ކޮށް އެއްޗެއް ބުނެފައި ނުވާ އިރު، އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. އެއްބަޔަކު ބުނާ ގޮތުން އެތަނުން އެއް ރޭލު އެ އަވަށާ ހިސާބުން އޮންނަ ދަނގަޑުން މަގު ބދަލު ކުރީއެވެ. އެކަން ކުރީ 2 ރޭލު ކަމަށް އެއްބަޔަކު ބުނާ އިރު ކުރިން މަގު ބަދަލު ކުރީ ކޮން ރޭލެއްކަން އަދި މުޅިން ސާފެއް ނުވެއެވެ.

މިހާދިސާގައި ޒަހަމްވި މީހުންނަށް ލޭ ހަދިޔާ ކުރުމަށް އޮޑިޝާގެ ހޮސްޕިޓަލްތަކުގެ ކުރިމަތީގައި ޒުވާނުން ވަނީ ދިގު ކިޔު ހަދާފައެވެ.

މިހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 12 ހާސް ޑޮލަރު، ބޮޑަށް ޒަހަމްވި މީހުންނަށް 2400 ޑޮލަރު އަދި ކުދިކުދި ޒަހަމް ލިބުނު މީހުންނަށް 600 ޑޮަލރު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

12 މިލިއަނަށް ވުރެ ގިނަ މީހުން އިންޑިއާގައި ރޭލު ދަތުރު ކުރާ އިރު މުޅި އިންޑިއާގައި ކޮންމެ ދުވަހަކު 14،000 ރޭލު 64،000 ކިލޯމީޓަރުގެ ދަތުރު ކަޑައްތު ކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިންޑިއާގައި ހިނގާ ރޭލް އެކްސިޑެންޓްގެ ބޮޑު ޕަސެންޓަކީ އިންސާނުންގެ ފަރުވާ ކުޑަކަމާއި ބޭނުންކުރާ ސިގްނަލް ލައިޓްތައް ގިނަދުވަސްވެ ބޭނުން ނުކުރެވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓް ތަކެވެ.