މާލެއާއި ހުޅުމާލެ ގުޅުވާލާ ސިނަމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މިއަދު މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޓެކްސީއެއްގައި އެއާޕޯޓު ލައިޓް ކައިރިން އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 16:11 ހާއިރު ކަމަށެވެ. އަދި އެ އުޅަނދުގައި ޑްރައިވަރާ އެކު ޖުމްލަ 3 މީހުން އެވަގުތު ދަތުރު ކުރަމުންދިޔަ ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގަިއ ސިނަމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 16:09 ގައި ލިބިފައިވާ ކަމަށާއި އަދި އަލިފާންގަނޑު މިއަދު 16:20 އެހާއިރު ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފެންނަ ފެނަުމަށް އލިފާން ހިފާފައިވަނީ ޓެކްސީގެ އިންޖީނުގައެވެ. އަދި އެއީ ރަތް ކުލައިގެ ޓެކްސީއެއްކަން ވީޑިއޯތަކުން ފެނެއެވެ.

މީގެ ކުރިންވެސް ބްރިޖް މަތީގައި އެކި ހާދިސާތައް ވަނީ ހިނގާފައެވެ. އަދި ބައެއް ހާދިސާތަކުގައި މީހުްގެ ފުރާނެ ވެސް ވަނީ ގެއްލިފައެވެ.