އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވައިފި އެވެ.
ޖުމްލަ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މި ބޮޑު ބިޔަ މަޝްރޫއު ރައީސް ސޯލިހު ފައްޓަވާދެއްވާފައި ވަނީ އެކަމަށް ހާއްސަކޮށް މިއަދު ހަވީރު ހަންކެޑެ އާއި މަރަދޫ ގުޅޭ ބްރިޖް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ. ޖުމްލަ 1.1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިއާއެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުންވެސް ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ސޯލިހް އައްޑޫއަށް ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އިންޑިއާގެ ރިނާޓަސް އާ ހަވާލުކޮށްގެން ކުރިއަށް ދާ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. މީގެ އިތުރުންވެސް ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީ ހިތަދޫ، ސިޓީ ސްކެއާގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ރޭގަނޑު 20:30 ގައެވެ.
ރައީސްގެ ދަތުރުފުޅުގައި ސަރުކާރުން މިހާރު އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުން ވެސް އޮންނާނެއެވެ.