"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ތަ ނޫނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖަލުގައި ބާއްވާ ތިޔަ ދިނީ އެހެން ކެންޑިޑޭޓުންނަށް މަލާފަތެއްތޯއެވެ.

މި ސުވާލު އުފައްދާން މިޖެހުނީ، ރޭގެ ޖަލްސާއަށް ހާޒިރު ވި މީހުންގެ އަދަދަކީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައި ތިއްބެވި ސަރުކާރާ ދެކޮޅު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް މިއިން ޒަމާނެއްގައި ވެސް އަޑުއިއްވަން ނުލިބޭހާ ގިނަ ދިވެހިން ލިބުނު ރެއަކަށް ވުމުންނެވެ.

އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް، އަމިއްލަ ކެންޑިޑޭޓް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އަމިއްލަ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މީގެ ކުރިން ބޭއްވި ހުރިހާ އިވެންޓްތަކެއް އެއްކޮށްލީމައި ވެސް ހަމަވި އަދަދުގެ ފަސް ހަސަތޭކަ ގުނަ ބޮޑު އޯޑިއަންސެން ރޭ އެބޭފުޅުންނަށް ވަނީ ލިބިފައެވެ.

ކަނޑުވިއްކާލި ޖަލްސާގެ ސައިޒް ފެންނަ 1 ފޮޓޯ

މީގެ ކުރިން އެބޭފުޅުން ދައްވަކާ ވާހަކަ އަޑު އިވޭ ކަންފަތްތަކާއި އެވާހަކަ ތުންތުން މަތިންވެސް ހިއްސާ ކުރާ މީހުން މަދެވެ. ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް އެބޭފުޅުންނަކަށް އެ ތާއީދެއް ނެތެވެ. އެބޭފުޅުން ކިތަންމެ މޮޅު ވާހަކައެއް، ހުއްޖަތްތަކެއް، ހިސާބުތަކެއް ޖެއްސެވިޔަސް އެ އަޑު އަހާނެ ބަޔަކު އަމުދުން ނެތޭ ދެންނެވިޔަސް އައިބެއް ނުވާނެއެވެ. ނަމަވެސް ރޭ އެބޭފުޅުން ތިއްބެވީ 'ހެވިފަ' އެވެ. އުފަލުންނެވެ.

އެއްބޭފުޅަކަށް ވުރެ މޮޅަށް، އަދި އިލްމީ ފެންވަރެއްގައި ރޭ ހުށަހަޅައިދެއްވަމުން ގެންދެވި އިރު، ރެއަކީ އެ މާ ސިންގާ އޯޑިއަންސް އަށް އެބޭފުޅުންގެ އަޑު ސާފުކޮށް އިވުނު ފުރަތަމަ ރެއެވެ. ބޭފުޅަކަށް ފަހު ބޭފުޅަކު ސްޓޭޖުގައި ވާހަކަ ދައްކަވަމުން ގެންދެވި އިރު، އޯޑިއަންސް އެބޭފުޅުންނާ ގުޅެމުން ދިޔަ މިންވަރު ފެންނަމުން ދިޔައެވެ. އެންމެ ފުރަތަމަ ޕޯޑިއަމަށް ވަޑައިގެންނެވި ޑރ. މުނައްވަރު ވާހަކަ ދައްކަވަމުން ގެންދެވި އިރު، އޯޑިއަންސްގައި މާ ވަޔަކު ނުހިފައެވެ. ދޭތެރެއަކުން ހޯއް ގޮވާލައި އަޑު އިވުނަސް އަތެއް ޖަހާލައި ރޫހެއް ނެތެވެ. އޭގެ ފަހުން ވަޑައިގަތީ ނާޒިމެވެ. ނާޒިމު ފެއްޓެވީ "ތިޔަ ބޭފުޅުން ތައްޔާރުތޯ" އައްސަވާ އޯޑިއަންސާ ގުޅުމެއް އުފައްދަވަމުންނެވެ. އެއާއެކު އޯޑިއަންސުން "ތައްޔާރޭ" ގޮވާލާ އަޑު އިވުނެވެ. ނާޒިމްގެ މުޅި ވާހަކަ ބިނާ ކުރެއްވީ، ކެމްޕެއިން ސްޕީޗެއްގެ ގޮތުގައެވެ. އޭނާގެ ވައުދުތަކުގައި ދައްކަވަމުން ގެންދެވި ވާހަކަތައް ތަކުރާރު ކުރެއްވިއެވެ. ކަނޑު ހޯދާނެ ވާހަކަ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މައާފު ނުކުރައްވާނެ ވާހަކަ އާއި މަޖިލީހާ ހިއްސާ ނުކޮށް ސިޓީ ފޮނުވި ވާހަކައެވެ.

ކަނޑުވިއްކާލި ޖަލްސާއަށް ހާޒިރުވެ ތިބި ބައެއް މީހުން

އޯޑިއަންސަށް އެވާހަކަތައް ކަމުދިޔައެވެ. މީގެ ކުރިން ނާޒިމްގެ ވާހަކަ އަޑު ނީވޭ ގިނަ ބަޔަކަށް، އެހެން ކެންޑިޑޭޓުންނާއި ނާޒިމް އަޅާ ކިޔާލަން ފުރުސަތު ލިބުނެވެ.

އޭގެ ފަހުން ވަޑައިގަތީ އުމަރު ނަސީރެވެ. އުމަރުގެ ވާހަކަ މާ ހިނގިއެވެ. އެވަގުތު އެއްވެފައި އޮތް އޯޑިއަންސް އާ މާ ބޮޑަށް ގުޅުވާލިއެވެ. އިދިކޮޅު ޕީޕީއެމްގެ އެއް ޝިއާރު ކަމަށް ވާ "އިންޑިއާ" އާ ގުޅުވާލިއެވެ. ގައުމުގެ ނަން ވިދާޅު ނުވިޔަސް، އެއީ 3 ވަނަ ގައުމެއް ކަމާއި، ހެލިކޮޕްޓަރުތަކާއި ސިފައިން ގެނެސް ކުރާ ކަންތައް އެނގޭ ކަމަށް ވިދާޅުވިއެވެ.

ކަނޑުވިއްކާލި ޖަލްސާއަށް ހާޒިރުވެ ތިބި ބައެއް މީހުން

އޯޑިއަންސް އަށް އެއަށް ވުރެ ބޮޑަށް ކަމުދިޔަ އެއް ވާހަކަ އަކީ، ހިނިގަނޑަކާއެކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަމާޒު ކުރައްވާ ވިދާޅުވި ވާހަކައެވެ. ކުރީގެ ހާލަތަކަށް މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، "މިއަދުގެ ކިލެގެފާނު [ރައީސް ސޯލިހު] ސިޓީގައި ސޮއި ކުރެއްވި އިރު އިންނެވީ ބިރިޔާނީ ފަރީއްކުޅުވައިގެން" ކަމަށެވެ.

އުމަރުގެ ވާހަކަ ގިނަބަޔަކަށް ކަމުދިޔަ އިރު އެއީ މީގެ ކުރިން އުމަރުގެ ވަށައިގެން އެނބުރޭ ކުޑަކުޑަ ސާކަލް [މީސްކޮޅަކަށް] ނޫނީ އިވިފައި ނުވާނެ ވާހަކަ ތަކަކެކެވެ. އެހެން ކަމުން އޭނާގެ ވާހަކަ އާއެކު އެ ކެންޑިޑޭޓުން ޖަޖް ކޮށްލަން އޯޑިއަންސަށް ލިބުނު އިރު ކަނޑުވިއްކާލި ޖަލްސާގެ މަގުސަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވާހެން ހާސިލް ވިތޯ ސުވާލު ކުރަން ޖެހެއެވެ. އަމުދުން ޕީޕީއެމް އިން ނެރެން ބޭނުންވި ނަތީޖާ ނެރެވުނުހެއްޔެވެ.

ރޭގެ ޖަލްސާ ފެށީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު 2018 ގައި އިންތިހާބުން ބަލިވެ އޮފީސް ދޫކޮށްލެއްވުމުގެ ކުރިން ދެއްވި ވަދާއީ ތަގުރީރުންނެވެ. އެ ތަގުރީރުގައި ގައުމިއްޔަތަށް އިސްކަން ދެއްވާ ވާހަކަ ވިދާޅުވި ނަމަވެސް ޖަލްސާ ނިމިގެން ދިޔަ އިރުވެސް އެއްވެސް ބޭފުޅަކު ޔާމީންގެ ނަންވެސް ވިދާޅެއް ނުވެއެވެ. ނުވަތަ ތައުރީފުގެ ބަހެއްވެސް ވިދާޅެއް ނުވެއެވެ. މުޅި ޖަލްސާ ތައްޔާރު ކޮށްފައި އޮތީ ޕީޕީއެމްގެ ރެލީއެއްގެ ގޮތަށް ޕީޕީއެމްގެ މެޖޯރިޓީ ސަޕޯޓަރުންނާއެކު ކަމަށް ވެފައި ރައީސް ޔާމީނަށް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ނުވަތަ މަގާމެއް ނުވަތަ ސަޕޯޓެއް ދޭން ވާނެތާއެވެ. ނަމަވެސް ޖަލްސާ ނިންމާލީ ރައީސް ޔާމީން ޖަލުގައި ބާއްވާފައި އެހެން ކެންޑިޑޭޓުންނަށް ޕީޕީއެމް އިން ދިން 'މަލާފަތެއްގެ" ގޮތުގައެވެ.