ނޯތު އެރިކަން ކޮންފަރެންސް އޮން އިސްލާމިކް ފައިނޭންސް (އެންއޭސީއައިއެފް) ގެ އެކަޑަމިކް ރިވިއު ކޮމިޓީއަށް ޕްރޮފެސަރު ޑރ. އާއިޝަތު މުނީޒާ އައްޔަން ކޮށްފިއެވެ.

އެންއޭސީއައިއެފް އަކީ ނޯތު އެމެރިކާގެ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، އާ އީޖާދުތައް އުފައްދައި، އިސްލާމިކް ފައިނޭންސާ ގުޅުން ހުރި އިލްމީ ދިރާސާތަކާއި ބަހުސްތައް ކުރުމުގެ މަގްސަދުގައި ގައިޑެންސް ކޮލެޖް ގެ އިސްނެގުމުގެ މަތިން އުފައްދާފައިވާ އިލްމީ ޖަމާއަތެކެވެ. މިއަހަރުގެ ފަހުކޮޅުގައި މިޖަމާއަތުން އިންތިޒާމު ކޮށްގެން ނޯތު އެމެރިކާގައި ބާއްވާ ފުރަތަމަ އިސްލާމިކް ފައިނޭންސާ ގުޅޭ ކޮންފަރެންސް ބޭއްވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ޑރ. މުނީޒާ އަކީ ރާއްޖޭގައި ވެސް އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވުމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން މުނީޒާ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރައިވެޓްކޮށް ލިސްޓުކުރެވުނު މެޑްޓެކް ކުންފުނީގެ ސުކޫކް ގެ އޮނިގަނޑު ފަރުމާކޮށްދެއްވާފައެވެ.

މީގެ އިތުރުން އޭނާ އަކީ ރާއްޖޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މޯލްޑިވްސް އިސްލާމިކް ބޭންކިންގް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސްގެ ޗެއާޕާސަންވެސް މެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ އަށް ހިދުމަތް ކުރެއްވުމުގެ އިތުރުން، ބައިނަލްއަގްވާމީ ގޮތުންވެސް މުނީޒާ ގެންދަވަނީ ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން މުނީޒާ އަކީ ބަހްރައިންގައި ހުންނަ އިސްލާމިކް ފައިނޭންސްގެ ރީޖަނަލް ސްޓޭންޑާޑް ސެޓިންގްގެ މުއައްސަސާ އެއް ކަމުގައިވާ އެކައުންޓިންގް އެންޑް އޮޑިޓިންގް އޯގަނައިޒޭޝަން ފޯ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިޔުޝަން (އައިއޯފީ) ގެ ޕަބްލިކް އިންޓަރެސްޓް މޮނިޓަރިންގް ކޮންސަލްޓޭޓިވް ކޮމިޓީގެ މެމްބަރެއްވެސް މެއެވެ.

.ދިވެހިރާއްޖޭގައި މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޯޕަރޭޓް ސުކޫކުތައް ފަރުމާ ކުރެއްވުމުގެ އިތުރުން، ރާއްޖޭގައި ހިންގާ ގިނަގުނަ އިސްލާމިކް ފައިނޭންސްގެ ހިދުމަތްތައް ވުޖޫދަށް ގެނެސް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރެއްވުމުގެ މަސައްކަތް މުނީޒާ ވަނީ ކުރައްވާފައެވެ.

މި ރޮނގުން ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް ދިވެހި ދައުލަތުން ޑރ. އާއިޝަތު މުނީޒާ އަށް ވަނީ ރެހެންދި އެވޯޑު ވެސް ދީފައެވެ.