ތަރުހީބު ބޮޑުވެ ދިވެހި ފިލްމު "ވަނާޖުބޭސާ" އަނެއްކާވެސް އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމައިފިއެވެ.

ފިލްމުގެ ޓީމުން ބުނީ ފިލްމުގެ ދެ ޝޯ އެއް އޮލިމްޕަސް ސިނަމާގައި އަޅުވަން ނިންމާފައިވާ ކަމަށާއި އެ ދެ ޝޯ އޮންނާނީ މިރޭ އާއި މާދަމާ ރޭ ކަމަށެވެ. މި ދެރޭ ވެސް ފިލްމު އޮލިމްޕަހުގައި އަޅުވާނީ ރޭގަނޑު 21:00 ގައެވެ. ފިލްމުގެ ޓިކެޓް މިއަދު މެންދުރު 14:00 އިން ފެށިގެން އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާނެ ކަމަށްވެސް އެ ޓީމުން ބުންޏެވެ. އަތޮޅުތެރޭގައި ވެސް މި ފިލްމު މިހާރު އަޅުވަމުންދާއިރު މިދިޔަ އޭޕްރިލް މަހު އޮލިމްޕަސް ސިނަމާއަށް ގެނައި މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ޕާޓިކަލްސް ސްޓޫޑިއޯ އާއި ވާންޗޯ އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދައިފައިވާ 1 ގަޑިއިރާއި 45 މިނެޓުގެ މި ފިލްމަކީ ވިޝާލް ޒަކީގެ ޑައިރެކްޝަނެކެވެ. ފިލްމުގެ ތަރިންނަކީ ނާޒިރު ޝިހަމް، ހުސައިން ޝާދު، މުހައްމަދު ސައީދު، އައިޝަތު ރިމްޝާ، އަހްމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީއެވެ.

ބެލުންތެރިންގެ އިތުރުން ދިވެހި ފިލްމީ ތަރިންވެސް މި ފިލްމަށް ތައުރީފްކޮށްފައިވާއިރު އެންމެން ވެސް ބުނަނީ "ވަނާޖުބޭސާ" އަކީ ނުބަލާ ދޫކޮށްނުލެވޭ ވަރުގެ ފިލްމެެއް ކަމަށެވެ. އަތޮޅުތަކުގައި ވެސް މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.