ކެންސަރަކީ މިއަދު ރާއްޖޭގައިވެސް ވަރަށް ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. ކެންސަރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރެއިން އެއް ސަބަބު ކަމަށާއި ކޮންމެ އަހަރަކު 17 ޕަސެންޓް މީހުން މަރު ވަނީ ކެންސަރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2020 ވަނަ އަހަރު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓް މީހުން މަރުވާއިރު މީގެތެރެއިން 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންނެވެ. އަދި މި އަހަރުގެ ބައިނަލްއަގުވާމީ ކެންސަރުދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާކަން ފާހަގަކޮށް އެ އަދަދު މަދުކުރުމަށް މަސައްކަތް ކުރަމުން ދާކަން ފާހަގަ ކޮށްފައެވެ.
ކެންސަރަކީ އާދަޔާ ހިލާފަށް ސެލްތައް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެޔަށްވެސް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ރާއްޖޭގައި މި ބައްޔަށް 2016 އިން 2019 އަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދަފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އާންމުކޮށް ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، އަދި ބަނޑާއި ފުރަމޭގެ ކެންސަރެވެ. އަދި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭ އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.
އެއް ގުނަވަނުން އަނެއްގުނަވަނަށް މި ބަލި ފެތުރުމުން ސަލާމަތް ކުރުމަށް ކުރީކޮޅުގައި ބަލި ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ކެންސަރުގެ ޝިކާރައަކަށްވާ ގިނަ މީހުންނަށް މިކަން ދެނެގަނެވޭލެއް ލަސް ކަމަށް ވެއެވެ.
މިއީ ކެންސަރުގެ ބައެއް އަލާމާތްތައް، އަވަހަށް ދެނެގަތުން މުހިންމު!
- މާގިނައިން ކެއްސުން
- ހުޅުތަކުގައި ރިއްސުން
- ބޭރަށް ހިންގުމާއި ލޭ އައުން
- ކާހިތްނުވުން
- ކުއްލިގޮތަކަށް އެއްވެސް ޑައިޓަކާއި ނުލައި ބަރުދަން ލުއިވުން
- ވަރުބަލިވުމާއި ހަށިގަނޑުގައި ތަދެއް ހުރުން
ކެންސަރަށް މަގުފަހިވާ ބައެއް ސަބަބުތައް
ކެންސަރަށް މަގުފަހިވާ ބައެއް ސަބަބުތައް ކަމުގައިވާ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ކެއިން ބުއިމުގައި ނުރަނގަޅު އާދަތަށް ގެންގުޅުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅުމާއި ބަނގުރާ ބުއިމުގެ އިތުރުން ދުފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ކެންސަރުން ސަލާމަތްވެ އުފާވެރި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ފަރުދަކުމެ ސަމާލުކަންދޭންޖެހޭ ކަންކަމެވެ.
މީގެ އިތުރުން ދުންފަތަކީ ކެންސަރު ބަލީގައި މީހުން މަރުވާން ދިމާވާ ސަބަބުތަކުގެ 25 ޕަސެންޓު ހިއްސާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ކާން ބޭނުންކުރާ ދަނޑުގޮވާމުގެ ބާވަތްތަކުގައި ކެމިކަލް ހުރުމަކީވެސް ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާއިރުވެސް މިކަމާމެދު ހޭލުންންތެރިވާ މީހުން އަދިވެސް ވަރަށް މަދެވެ.
ޔޫރަޕްގައި ކެންސަރު ކޭސްތަކުގެ 10 ޕަސެންޓް ގުޅެނީ ތަޣައްޔަރު ވުމުގެ މައްސަލައާ ކަމަށް ޔޫރަޕިއަން އެންވާރަމަންޓް އެޖެންސީން ވަނީ ބުނެފައެވެ.
އެހެންކަމުން ދިވެހިރާއްޖޭގައި ކެންސަރު އިތުރުވުމަށް މަގުފަހިވާ ކަންކަން ދެނެގަތުމަށްޓަކައި ގައުމީ ފެންވަރުގައި ދިރާސާތައް ކުރަން މިވަނީ ޖެހިފައެވެ.
ރ. އަލިފުށީގައި ކެންސަރު ބަލީގެ ކޭސްތައް އިތުރުވާތީ، އެކަމަށް މަގުފަހިވާ މައިގަނޑު ސަބަބުތައް ދެނެގަތުމަށްޓަކައި ހާއްސަ ދިރާސާއެއް ހަދައިދިނުމަށް އަލިފުށީ ކައުންސިލުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވާނަފައެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ޗައިލްޑްހުޑް ކެންސަރު ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ވަނީ ބާއްވާފައެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރު ބަލީގެ 1 ޕަސަންޓު ކަމަށާ އެހެންނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7 ޕަސެންޓް ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެއެވެ.
އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގި މިކަމާ މެދު ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިތަކަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.