އައްޑޫ ބިން ހިއްކަން ފެށުމުގެ ކުރިން ހިއްކާ ސަރަހައްދުގައި ހުރި 70،000 އަށް ވުރެ ގިނަ މުރަކަ އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައި ވާއިރު މި މަޝްރޫއަކީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ މަޝްރޫއެއް ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން މިއަދާ ޖެހެންދެންވެސް މި މަޝްރޫއަކީ ގިނަ ކަންބޮޑުވުންތައް ހުރި މަޝްރޫއެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެ ވާހަކަތަކަކީ އައްޑޫގެ ތަރައްގީއަށް އަންނަ ބޮޑު މަޝްރޫއެއް ހުއްޓުވުމަށް ދެކެވެމުންދާ ވާހަކަތަކެވެ. މިއީ ސިޔާސީ ވާހަކަތަކެވެ. އެހެންނަމަވެސް އީއައިއޭގެ ރިޕޯޓްތަކަށް ބަލާލުމުން މި ވާހަކައާ މެދު ފުންކޮށް ވިސްނި މީހުންވެސް ވަރަށް ގިނައެވެ.

އައްޑޫ ސިޓީ ބިން ހިއްކަން ފެށުން/ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، 2022 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށެއްގެ ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް ހިއްކުމަށް ވަނީ ނިންމާފައެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ.

  • - ހިތަދޫން 90 ހެކްޓަރުގެ ބިން
  • - ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން
  • - ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
  • - މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
  • - ޓޫރިޒަމަށް ހާއްސަކޮށްގެން 3 ހެކްޓަރުގެ ތިން ރަށާއި
  • - 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު، މިދިޔަ އަހަރު ޑިސެމްބަރު މަހު އައްޑޫ ސިޓީއަށް ގެންގޮސްފައި ވާއިރު މިހާރު އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް 'ޓީއެސްއެޗްޑީ ޑްރެޖިން- އެޗްއޭއެމް 318' އަންނަނީ ކުރަމުންނެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް/ ފޮޓޯ:ދަ ޕްރެސް

އައްޑޫ ބިން ހިއްކުމުން ތިމާވެއްޓަށް ލިބޭނެ ގެއްލުން ބޮޑު

އައްޑޫ ބިން ހިއްކުމުން ތިމާވެއްޓަށް ބޮޑެތި ލިބޭނެކަމަށް ބުނެ އެކަމާ ދެކޮޅަށް ޖުމްލަ ހަ ޖަމިއްޔާއަކުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. މި ބަޔާން ނެރުނު ޓްރާންސްޕޭރަންސީ މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، މޯލްޑިވްސް ރިސިލިއަންޓް ރީފްސް، ލޭންޑް ސީ މޯލްޑިވްސް، އިކޯކެއާ މޯލްޑިވްސް އިން ބުނީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކަމުން ލިބެމުންދާ ގެއްލުންތަކުން އެންމެ ނޭދެވޭ އަސަރު ކުރާ އެއް ގައުމަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރާއްޖެ ކަމަށެވެ.

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން އެކުލަވާލައި ފައިވާ "އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށް އަލަށް ފަސް ރިސޯޓެއް ތަރައްގީ ކުރުމަށް 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވާއިރު އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް ދެ މީޓަރު އުސްމިނަށް އަޅާނެހާ ވެއްޔެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުންނެވެ. އެހާ ގިނަ އަދަދެއްގެ ވެލި ނެގުމަކީ އައްޑު އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަކަށް ވާއިރު އެކަމުގެ ސަބަބުން އެ ސަރަހައްދެއް މުޅިން ކިލަނބުވެ، ކަނޑާއި ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަލާކުވެ މަރުވެގެން ދާނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއިން އެ އަތޮޅުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ވެގެންދާނެ ކަމަށް މަޝްްރޫއިން ތިމާވެއްޓަށް ކުރާ އަސަރު ބަލަން ހެދި އީއައިއޭ ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ، މަޝްރޫއު ހުއްޓާލަން ބައެއް ޖަމިއްޔާތަކުން ވެސް މީގެ ކުރިން ވަނީ ގޮވާލާފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން މީގެ ކުރިން އައްޑޫ މީދޫ ކޯޓަށް އަމިއްލަ ފަރާތަކުން ވަނީ މައްސަލަ އެއްވެސް ހުށަހަޅާފައެވެ. އޭރު އެ މައްސަލަ ހުށަހެޅި ފަރާތުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ އެއީ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާ ހިލާފަށް ކުރިޔަށް ގެންދެވޭ ގެއްލުން ބޮޑު ކަމަކަށް ވާނެތީ އާންމު މަސްލަހަތު ހިމާޔަތް ކޮށް ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް ގެނެސްފައިވާ އެޗްއޭއެމް 318/ ފޮޓޯ:އައްޑޫ ޑިވަލޮޕްމެންޓް އެމްވީ

މި މަޝްރޫއުގެ އީއައިއީ ރިޕޯޓްގައި ވަނީ ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ފާހަގަކޮށްފައި

މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވާ ގޮތުން ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާނެވެ. އަދި 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނަ މައްޗަށް ވެލި އެޅި ނެތިގެން ދާނެއެވެ. މީގެ އިތުރުން އައްޑު އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ވާއިރު މަޝްރޫއުގެ ސަބަބުން މުޅި ރިޒާވް ހަލާކުވެގެން ދާއިރު އައްޑޫގެ ހިމާޔަތް ކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުން ވާނެއެވެ. އަދި އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް މި ރިޕޯޓްގައިވަނީ ފާހަގަ ކޮށްފައެވެ. އަދި ކަނޑު ކިލަނބުވެ، ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް މަސްވެރިންނަށް ދަތިވާނެ ކަމަށްވެސް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫއިން ހިއްކަން ފަށާފައިވާ ސަރަހައްދު/ފޮޓޯ: ސިނާން

ވެން އޫޑް އިން މަސައްކަތް ކުރަނީ ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަން

އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އިންނެވެ. ވެން އޫޑް ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާ ވެސް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫއިގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާގެ މަތިންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އީއައިއޭ ގައިވާ ގޮތުގެ މަތިން މޮނީޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅެއް އެޅުމަށް ފަހު ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫއިން ހިއްކަން ފަށާފައިވާ ސަރަހައްދު/ފޮޓޯ: ސިނާން

އައްޑޫގެ ބިން ހިއްކާ ޒޯންތަކުގައި ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައި ވާއިރު އެ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބިން ހިއްކުމަށް ގެނައި ޑްރެޖާގެ ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެއެވެ.

އައްޑޫ ސިޓީ ކައުންސިލާ ސަރުކާރުން ދެކޭ ގޮތުގައި އައްޑޫގައި ހިންގާ މި މަޝްރޫއަކީ ކުރިއަށް އޮތް50 އަހަރަށް އެ އަތޮޅުގެ ބިމުގެ ދަތިކަން ހައްލުކޮށް، މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރައިގެން ދާނެ މަޝްރޫއެކެވެ.