ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ ތިމާގެ އަމިއްލަ ނަފްސާއި މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯޅިހް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު ދެއްވި ހިތާބުގައެވެ.
މުޖުތަމައުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ ކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ، އެކަމުގެ ބަދަލުގައި އެ މީހެއްގެ އަމިއްލަ ނަފްސަށް ނުވަތަ އާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖްތަމައަށް އޭގެ މަންފާކުރާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކު ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް މިއަދު އަޒުމް ކަނޑައަޅެމަށް ވެސް ރައީސް ސޯލިހް ގޮވާލެއްވެވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް ހޭދަކުރާ ފައިސާ ތަފާތު ބަލިތައް ތަހައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވިދާނެ ފައިސާތަކަކަށް ބަދަލުކުރެވިދާނެކަން ރައީސް ފާހަގަކުރައްވެވިއެވެ. އަދި ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަހައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަންޖެހޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަހަރު ކަނޑައަޅާފައިވާ "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" ޝިއާރުގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުންކަމުގައެވެ.
މިއަދު ރައީސް ދެއްވި ހިތާބުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ އެތައް ގެންލުންތަކަކަށް އަލިއަޅުއްވާލައްވާފައިވާއިރު ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައްކަމުގައި ވިދާޅުވިއެވެ.