ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ "އާބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023" ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ މަހުގެ 20 އިން 24 ވަނަ ދުވަހަށް އޮންނާނެ ކަމަށެވެ.

ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހުގެ، މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބާއްވާ ކާނިވަލެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބްނަކޯއިން ބުނީ، މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެ ކަމަށާއި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

މި ކާނިވަލުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ހަމަޖެހިފައިވަނީ އާބަންކޯއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ތިންކް އެސޯސިއޭޓްސް އާއި އަރބަންކޯއިން ސޮއިކޮށްފައިވާއިރު އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދީލް އިސްމައިލްއެވެ.