ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކޮށްފައިވާ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25އ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުﷲ ޖުނައިދަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެ މައްސަލާގައި ޖުނައިދު މީގެ ކުރިން ހައްޔަރު ކޮށްފައި ވާއިރު އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ. ޖުނައިދު ވަނީ މާޒިޔާ ސްޕޯޓްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅެފައެވެ.

އޭނާ ހައްޔަރު ކުރީ އެންމެ ފަހުން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗަށް ފަހު ދަނޑުގެ ބޭރަށް ނިކުމެ ހުއްޓައެވެ. އެ މުބާރާތުން އޭނާ ކުޅުނު ލާމު ޓީމު މޮޅުވެފައި ވާއިރު މެޗަށް ފަހު ބޭއްވި އެވޯޑް ހަފްލާގައިވެސް އޭނާއަށް ބައިވެރިއެއް ނުވެވެއެވެ.

ޕީޖީއިން ބުނީ ދައުވާ ކުރަން ހުށަހަޅާފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ މެންދަމު 12:35 ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ ފައިހް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި އޭނާ ހޯދާ ނުފެނިގެން ފެބުރުއަރީ 15 ވަނަ ދުވަހު މީޑިއާ މެދުވެރިކޮށް ފުލުހުން އިއުލާން ކޮށްފައި ވަނިކޮށް ބަޔަކު އޭނާ ފޮރުވި މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 536 ވަނަ މާއްދާގެ (ހ) ގެ ދަށުން،ކުށެއް ކޮށްފައިވާ މީހަކު ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދުއާއި ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު ޝަބީބްގެ މައްޗަށް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ޕީޖީއިން ވަނީ ފޮނުވާފައެވެ.

ފައިހްގެ މައްޗަށް ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާއި އެ ގާނޫނުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގާ އަތްލުމާއި 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރުމަށް މިދިޔަ މަހުގެ 19 ދުވަހު ފޮނުވާފައެވެ.

މީގެ އިތުރުން އެ މާރާމާރީއާ ގުޅިގެން ހ. ދިއްގާމާގެ، އަލީ ފާރިޒާއި މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާ ކުރުމަށް މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި ފައިހް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު ފާރިޒާއި އަޒީމް ވަނީ ބަންދުން ދޫކޮށްލާފައެވެ.