މާލޭގެ ގެއެއްގައި، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެރުއާނާ (ކެނަބިސް) ގަހެއް ހައްދައިގެން ގެންގުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލަތަކެއް ހުރިކަމަށް ބުނުމުން އެކަން ސާބިތުކުރަން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ކޯޓުން އެދިއްޖެއެވެ.

ގަލޮޅުގެ ގެއެއްގެ ކައިރިން މެރުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނުމާ ގުޅިގެން ފުލުހުން އެގަސް ކައިރީ ހަރަކާތްތެރި ވަމުން ދަނިކޮށް، މީހަކު އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ.. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު، 29 އަހެރެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށް ތަހުގީގަށް ބަންދު ކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އަދި އެ 15 ދުވަސް ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ޔާސިހުގެ ވަކީލުވަނީ އޭނާގެ ނަފްސާނީ މައްސަލަތަކެއް އެބަހުރިކަމަށާ އޭނާ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާކަމަށް ބުނެފައެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ އޭނާއާއި ބައްދަލުކުރެވި ދެކެވުނު ވާހަކަތަކުންވެސް އެފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށާ އޭނާގެ އާއިލާގެ ފަރާތުން ވެސް އެފަދަ ކަންތައްތަކެއް ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އޭނާގެ ފަރާތުން ވަނީ އެސެސްމެންޓެއް ހެދުމުގެ ފުރުސަތަކަށް އެދިފައެވެ.

މި މައްސަލައިގެ އަޑުއެހުމުގައި އެ މައްސަލައިގެ އިންވެސްޓިގޭޓިން އޮފިސަރު ބުނީ ގޮޅީގައި އޮއްވާ އޭނާގެ ފަރާތުން އަމިއްލަ ނަފްސަށާ އެހެން މީހުންނަށް ނުރައްކާވެދާނެ ފަދަ ކަންތައްތަކެއް ފާހަގަކުރެވިގެން އޭނާ އެކަހެރި ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ އާއި ކުރެވުނު މުއާމަލާތުން އެފަދަ ކަންކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

މި މައްސަލައިގައި ދެ ފަރާތުގެ ވާހަކައަށް އަޑުއެހުމަށްފަހު ކްރިމިނަލް ކޯޓުގެ ގާޒީވަނީ ޔާސިހުގެ އެގްޒަމިނޭޝަނެއް ހަދަން ބޭނުންވާތީ އެކަން ކުރިއަށްގެންދިޔުމަށް ފުރުސަތު ދިނުމަށް ނިންމާ އެކަމުގައި އޭނާއަށް އެއްބާރުލުން ދިނުމަށް ފުލުހުންނަށް އަންގާފައެވެެ.