ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލްގެ)ގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބުނު ފައިސާއިން ހިއްސާއަކަށް 40 ރުފިޔާ ދިނުމަށް ފާސްކޮށްފިއެވެ.

ފައިދާގެ ގޮތުގައި 215 މިލިއަން ރުފިޔާ ބީއެމްއެލްގެ ހިއްސާދާރުންނަށް ބަހަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހުނު 20 ރުފިޔާ ހިމަނައިގެން ދޫކުރެވޭ އަދަދެއް ކަމަށެވެ.

ބީއެމްއެލްއިން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތްކުރުމަށާއި ޑިޖިޓަލައިޒޭޝަނަށް ކަމަށް ކާލް ސްޓުމްކަ ވިދާޅުވިއެވެ. އަދި އެ ސްޓްރެޓަޖީގެ ދަށުން އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން މިދޔަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން މިދިޔަ އަހަރުގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.