އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް އަރުވަން ނިންމާފައިވާ ޖާސޫސީ ސެޓެލައިޓް ނުވަތަ ސެޓެލައިޓް އަރުވަން ބޭނުން ކުރާ ރޮކެޓްގެ ކުނޑިތައް ޖަޕާނު ސަރަހައްދަށް ވަދެއްޖެ ނަމަ، ވައްޓާލާނެ ކަމަށް ޖަޕާނުން ބުނެފިއެވެ.

ސެޓެލައިޓް އަރުވަން ތާވަލު ކޮށްފައި ވާކަން އުތުރު ކޮރެއާއިން ޖަޕާނަށް އަންގާފައި ވާ އިރު އެގައުމުން ބުނެފައިވަނީ އެކަން ނުކުރުމަށާއި އެއީ ނުރައްކާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ ޝެޑިއުލްގެ ގޮތުގައި މެއި 31 އިން ޖޫން 11 އާ ހަމައަށް ތާރީހެއް ކަނޑައަޅާ ޖަޕާނަށް އަންގާފައެވެ. އަދި އެ އަރުވާ އިރު ޔެލޯ ކަނޑާއި ޗައިނާގެ އިރުމަތީ ކަނޑާއި ޕިލިޕީންސްގެ އިރުމަތީ ބިތުގައި އޮންނަ ލުޒޯން އައިލޭންޑްސް އާ ހަމައަށް އަސަރު ހުރެދާނެ ކަމަށް ވެސް އަންގާފައި ވެއެވެ.

ޖަޕާނުން ތުހުމަތު ކުރާ ގޮތުގައި، ސެޓެލައިޓުގެ ނަމުގައި އުތުރު ކޮރެއާއިން އަރުވަން އުޅެނީ ބެލެސްޓިކް މިސައިލެކެވެ. އަދި އެ ސެޓެލައިޓް އަރުވަން އުތުރު ކޮރެއާއިން ބޭނުން ކުރާނެ ކަމަށް ބެލެވެނީ، ދުރުރާސްތާ މިސައިލް ޓެކްނޮލޮޖީ ކަމަށާއި އެއީ އދ ގެ ސަލާމަތީ މަލިޖީހުގެ ގަރާރަކުން ބޭނުން ކުރުން މަނާ ކޮށްފައިވާ ޓެކްނޮލޮޖީއެއް ކަމަށް ޖަޕާނުން ބުނެއެވެ. މީގެ އިތުރުން ބުނީ، މީގެ ކުރިންވެސް ދުނިޔެ ބަލާ ސެލެޓައިޓް އެރުވުމުގެ ނަމުގައި އުތުރު ކޮރެއާއިން މިސައިލް ޓެސްޓް ކޮށްފައި ވާ ކަމަށާއި އެހެން ކަމުން މިކަމުގައި ގާތް އެކުވެރިންނާ ގުޅިގެން ގާތުން ބަލާނެ ކަމަށް ބުނެފައި ވެއެވެ. ގާތް އެކުވެރިންގެ ގޮތުގައި ޖަޕާނުން ފާހަގަ ކުރީ އެމެރިކާ ފަދަ ގައުމުތަކެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒޫ މަޓްސުނޯ ވިދާޅުވީ، އުތުރު ކޮރެއާއިން އެ ކުރާ ކަންތައް އދގެ ގަރާރުތަކާ ހިލާފުވާނެ ކަމަށާއި އެއީ ޖަޕާން ހިމެނޭހެން ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަންވެސް ނުރައްކާ އޮތް ކަމެއް ކަމަށެވެ.

އުތުރު ކޮރެއާއިން ސެޓެލައިޓް އަރުވާކަން ޖަޕާނަށް އެންގީ، ސެޓެލައިޓް ހިފައިގެން ދާ އުޅަނދު ޖަޕާނުގެ ސަރަހައްދުތެރެއަށް ވަދެދާނެތީ އެންގުމުގެ ގޮތުންނެވެ.

އެނަލިސްޓުން ބުނާގޮތުގައި އުތުރު ކޮރެއާއިން ޖާސޫސީ ސެޓެލައިޓެއް އަރުވަނީ، ދުޝްމަނުންގެ މަގާމުތަކަށް އަމާޒު ހަމަލާ ދިނުމަށްޓަކައި ގާބިލުކަން އިތުރު ކުރުމަށެވެ.