އައިސް ޕްލާންޓްތައް ހިންގަން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފ. ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެ، އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅު ދައްކަވަމުންނެވެ.
ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހު، އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުން ވެސް މަސްވެރިންނަށް ހިދުމަތް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވެވިއެވެ.
ފީއަލީގައި ސަރުކާރުން ބެހެއްޓި އައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖެއް އެކުލެވޭ އައިސްޕްލާންޓެކެވެ.
ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. މގެއިތުރަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ފެނަކައިގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ގެނައި ކުރިއެރުންތަކުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވާއިރު އަވަސް މުސްތަގްބަލެއްގައި މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފީއަލީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާކަމުގައެވެ.
ފީއަލީގެ އާ އިންޖީނުގެއާ އޮފީސް އިމާރާތަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އިމާރާތްކުރެވިފައިވާ ތަނެކެވެ. އެންމެ ޒަމާނީ އިމާރާތްކޮށްފައިވާ އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވެއެވެ.