"ދަ ޑިމޮކްރެޓްސް" ޕާޓީއަށް ސޮއިކުރާ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަޒީފާތަކުން ވަކިކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް ވަޑައިގަތް ބޭފުޅުން ކަމަށާއި އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެބޭފުޅުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ވަކިވުމުން ސަރުކާރުން ވަކިކުރީ ކިތައް ބޭފުޅުން ކަމެއް މިއުވާން ވިދާޅެއް ނުވެއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން، ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ވަނީ މަގާމުން ވަކިކޮށްފައެވެ.

މިތިން ފަރާތަަށް ވެސް މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި ބުނީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވަނީ 3000 މެންބަރުންގެ ސޮއެވެ.