ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްލި މައްސަލައިގައި އެ އެޕާޓްމަންޓްތައް އާބަންކޯއަށް ހަވާލުކުރުމަށް އެނގި އެނގުން ހުއްޓުވުމަށް ވެރިފަރާތުން ވަގުތީ އަމުރަކަށް އެދިއްޖެއެވެ.

މި މަހުގެ 18 ވަނަ ދުވަހު އާބަންކޯއިން ވަނީ އެ ފްލެޓްތައް 14 ދުވަސް ތެރޭގައި އާބަންކޯއަށް ހަވާލުކުރަން ވެރިފަރާތައް އަންގާފައެވެ.

އެ މައްސަލާގައި ވަގުތީ އަމުރެއް ހޯދަން ވެރިފަރާތުން ސިވިލް ކޯޓުގައި އެދިފައިވާއިރު އެ މައްސަލަ މިހާރު އެ ކޯޓުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެ މައްސަލާގައި މީގެ ކުރިން 100،000 ރުފިޔާގެ މަގުން ކޮންމެ އެޕާޓްމެންޓެއް ޖޫރިމަނާކޮށްފައިވާއިރު އެ 200،000 ރުފިޔާ ފަސް ދުވަސް ތެރޭގައި ދެއްކުމަށް އާބަންކޯއިން ވަނީ އެ ފަރާތަށް އަންގާފައެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އާބަންކޯއިން ބުނެއެވެ.

އެކަމާ ގުޅިގެން އާބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު 10 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ އަދި އެޕާޓްމަންޓް ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށް އަނގާފައި ވީ ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާތީ 14 ދުވަސް ތެރޭގައި އާބަންކޯއަށް ފުލެޓް ހަވާލު ކުރުމަށް މިއަދު ވެރިފަރާތްތަކަށް އަނގާފައިވާ ކަމަށްވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ "ހިޔާ ޔޫނިއަން" ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލްއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަގޮތުގައި މި ދެ ފްލެޓް އެއްކޮށްގެން ހަދާފައި ވަނީ ޒަމާނީ ފެންވަރުގައެވެ.