އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފެށިގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް 'ޓީއެސްއެޗްޑީ ޑްރެޖިން- އެޗްއޭއެމް 318' އައްޑޫ ސިޓިއަށް މިއަދު ގެނެސްފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން ބުނީ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޒޯން-2 ސަރަހައްދުން ކަމަށެވެ.
އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އިންނެވެ. ވެން އޫޑް ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާ ވެސް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން މި މަޝްރޫއިގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާގެ މަތިންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގައި މިހާރު ކުރިއަށް ދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ބުނީ މި މަޝްރޫއާއެކު ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލުކުރެވިގެންދާނެކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް ހިއްކުމެއް ވަނީ ނިންމައިފަ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
މި ގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން، ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން، ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން، މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން، ޓޫރިޒަމަށް ހާއްސަކޮށްގެން 3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫގެ ބިން ހިއްކާ ޒޯންތަކުގައި ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު އެ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބިން ހިއްކުމަށް ގެނައި ޑްރެޖާގެ ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.