ގައުމީ އެއާލައިންގެ ދަރަޖަދިން ކަމަށް ބުނާ ބިއޯންޑަކީ ރާއްޖޭގައި ރަޖިސްޓްރީ ވެސް ނުކުރާ އެއާލައިނެއް ކަމަށް "ދަ ޕްރެސް" އަށް ކަށަވަރުވެއްޖެއެވެ.

ދައުރުވަމުންދާ ސީއެންއެންގެ ވީޑިއޯގައި ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ބުނަނީ ބީއޯންޑަށް ދިވެހި ސަރުކާރުން ގައުމީ ކެރިއަރުގެ ދަރަޖަ ދީފައިވާ ކަމަށާއި ގައުމީ އެއާލައިންގެ ދަރަޖަ ލިބުމާއެކު ބައިނަލްއަގްވާމީ ފްލައިޓް އޮޕަރޭޓް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އެހެންނަަމަވެސް މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވި ޓްރާންސްޕޯޓުގެ އޮފިޝަލަކު ވިދާޅުވީ މޯލްޑިވިއަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އިން އެއްވެސް އާ އެއާލައިނަކަށް އެއާ އޮޕަރޭޓަރެއްގެ ސެޓްފިކެޓް (އޭއޯސީ) ދީފައި ނުވާއިރު އޭއޯސީ ހޯދުމަށް ނޯ އޮބްޖެޝްން ލެޓާއެއް ބިއޯންޑަށް ދިނުން ފިޔަވައި އިތުރު ކަމެއް ނުހިނގައެވެ.

ސީއެންއެންގެ ވީޑިއޯގައި ޓެރޯ ޓަސްކިލާ އިތުރަށް ބުނީ މިއަހަރުގެ ފަހުކޮޅު ފްލައިޓް އޮޕަރޭޝަންތައް ފެށުމަށް ރާވާފައިވާ ކަމަށާއި ފުރަތަމަ މަތިންދާ ބޯޓު އަންނާނެ ކަމަށް ލަފާކުރެވެނީ ޖުލައި މަހު ކަމަށެވެ.

ގައުމީ އެއާލައިންގެ ދަރަޖަ ލިބިފައިވާ ހަމައެކަނި އެއާލައިން އަކީ މޯލްޑިއަން ކަމަށް ވާއިރު އެއީ ދިވެހި ސަރުކާރުގެ ކުންފުމި އައިލެންޑް އޭވިއޭޝަންގެ ދަށުމް އޮޕަރޭޓް ކުރާ އެއާލައިނެކެވެ.

ބައިނަލްއަގުވާމީ 21 އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރަމުން އަންނައިރު ޔޫރަޕްގެ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އެއަރޯފްލޮޓާއި އެޑެލްވައިސާއި ނިއޯސްއާއި ޓާކިޝް އެއާލައިންސާއި އެއާ އަސްތާނާ އަދި އެލްއޯޓީ ޕޮލިޝް އެއާލައިންސްއެވެ. އަދި މެދުއިރުމަތީގެ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އެމިރޭޓްސާއި އިއްތިހާދާއި އެއާވޭސާއި ފްލައި ދުބާއީއާއި ގަލްފް އެއާ އަދި ސައުދީއެވެ.

އެއާ ވިސްޓާރާއާއި އެއާ އިންޑިއާއާއި އިންޑިގޯ، އަދި ގޯ އެއާ އިން އިންޑިއާގެ ދަތުރުތައް ކުރަމުން އަންނައިރު ޔޫއެސް-ބެންގްލާ އެއާލައިންސާއި އެއާ ސީޝެލްސާއި ސިންގަޕޫރު އެއާލައިންސާއި ސްރީލަންކަން އެއާލައިންސާއި އެއާ އޭޝިއާއާއި އެއާ އޭޝިއާ ތައިލެންޑް އަދި ބެންކޮކް އެއާ ވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ.