ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ރަސްމީ ދަތުރުފުޅެއްގައި ފާފު އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެ ކަނބަލުން އަދި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ކުރައްވާ މިދަތުރުގައި އެންމެ ފުރަތަމަ ނިލަންދޫއަށް ވަޑައިގެންފާވާއިރު އެ ރަށުން ވަނީ އެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް ސޯލިހް މިއަދު ހެނދުނު ނިލަންދޫއަށް ވަޑައިގެން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށާއި ސަރުކާރުގެ ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރެއްވުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް ފ އަތޮޅަށް ވަޑައިގަތުން

މިދަތުރުފުޅުގައި ނިލަންދޫގެ ދަރަނބޫދޫ، މަގޫދޫ، ބިލެތްދޫގެ އިތުރުން ފީއައްޔަށް ރައީސް ވަޑައިގަންނަވާނެއެވެ. އަދި މިދަތުރުފުޅުގައި ރައީސް އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެއިތުރަށް އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހްކޮށްދެއްވުމާއި މިހާރު ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ފ. މަގޫދޫގައި އަޅަމުންދާ އެއާޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތް ރައީސް ސޯލިހް ބައްލަވައިލައްވާނެއެވެ.