މަގުމަތީގައި ހިނގާފައި ދާ މީހުންނަށް ރައްކާތެރި ކަމާއެކު މަގު ހުރަސްކުރުމަށް ފަސޭ ހަކޮށްދިނުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ "މަގުހުރަސް ބައްތި" ހުޅުމާލޭގައި ބަހައްޓައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ހުކުރު ދުވަހުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލް ކުރިމަތީގައި 1 ބައްތި، އަދި ހިޔާ ސަރަހައްދުގައި 1 ބައްތި ބޭނުންކުރަން ފަށާފައި ވާއިރު އާބަންކޯ އިން ބުނީ ފަހަރު 8 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބައްތިތައް ހަރުކުރުމުގައި، އެންމެ ގިނައިން ބޭނުންކުރާ ކަފިހި ހުރަސްތަކާއި މަގު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަނަށް އިސްކަންދޭނެ ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

https://www.facebook.com/hdcmaldives/videos/1201669613845888

އާބަންކޯއިން ބުނީ މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި މި ބައްތިތަކުގެ ސަބަބުން މަގު ހުރަސްކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބޭނެކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

އާބަންކޯ އިން އަލަށް ބެހެއްޓި މި ބައްތީގައި ހުންނަ ބަޓަނަށް ފިތާލުމުން، އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެންނާނެއެވެ.