އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފިއެވެ.

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވަނީ އާޓިފިޝަލް ބީޗުގައި އެ ޕާޓީން މިރޭ ބޭއްވި ޖަލްސާގައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ އިތުރުން، ނާޒިމްގެ ކެމްޕެއިން ލޯންޗުކޮށް، ކެމްޕެއިންގެ ޝިއާރަކީ "އުޖާލާ ޒަމާން" ކަމަށް، މިރޭގެ ޖަލްސާގައި ވަނީ އިއުލާނު ކޮށްފައެވެ.

އެމްއެންޕީން ނާޒިމަށް ހަވާލު ކުރީ އައްޑަނައެއްގެ ސިފައިގައި، އެމްއެންޕީގެ ކުލަތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ 'ރިޔާސީ ޓިކެޓް' އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި، މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީ ތަމްސީލުކުރާނެ ކެންޑިޑޭޓެއް ނެރުމަށްޓަކައި އެ ޕާޓީން ޕްރައިމަރީ އެއް ބާއްވާނެ ކަން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ނާޒިމް އެކަނި ކަމުން، އެމްއެންޕީގެ ޓިކެޓް އޮޓޮމެޓިކުން ވަނީ ނާޒިމަށް ކަށަވަރު ވެފައެވެ.

ނާޒިމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ޔާމީނާއި، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. މި ބޭފުޅުންގެ ތެރެއިން އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީނަށް އޮތީ ހަނި ފުރުސަތެކެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނުކުންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.