މިދިޔަ ރޯދަ މަހުގެ ތެރޭގައި ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ތަހްގީގުގެ މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސްފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، ނައީމާ މަރާލި މައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

އެގޮތުން، އެ މައްސަލައިގެ ތަހްގީގަށް މުހިންމު ހެކިތަކެއް ހުރި ކަމަށް ބެލެވޭ ތަނެއް ފުލުހުން ފާސްކުރަމުން ގެންދާ ކަމަށާއި، ނައީމާ މަރާލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

މި މައްސަލަ ތަހްގީގުކުރުމުގައި އިސް ދައުރެއް އަދާކުރައްވަނީ އިންސްޕެކްޓަރު މުހައްމަދު ސާމިހް ކަމަށް ހަމީދު ވިދާޅުވިއެވެ.

ނައީމާ މަރާލި މައްސަލަ ތަހްގީގުކުރުމަށްޓަކައި މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ވަނީ މަނަދޫން ގިނަ ބައެއްގެ އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައެވެ

މަނަދޫގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ ނައީމާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. ނައީމާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ފުލުހުން ވަދެ ބެލިއިރު ފެނުނީ މަރާލާފައި އޮތް އޭނާގެ ހަށިގަނޑެވެ.

ނައީމާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައި ވާތީ، ފުލުހުން އެ މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް މީގެ ކުރިން ބުންޏެވެ. ނަމަވެސް ޕޯސްޓްމޯޓަމެއް ހެދުމެއް ނެތި، ޖެހިގެން އައި ދުވަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ.