ހދ. މަކުނުދޫ އަލްފާ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ގޭގެ 90 ޕަސެންޓް އަނދާފައި ކައުންސިލުން ބުނެފިއެވެ

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައި ވަނީ ރޭ 10:00 ހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނު އިރު މުޅި ގޭގެ 90 ޕަސެންޓު އަނދާފައިވާ ކަމަށެވެ.

މުޅި ގޭގެ ފުރާޅު ވެއްޓިފައި ވާއިރު ގޭގެ ފާރުތަކުގެ ބޮޑު ބައެއް ވެސް ވަނީ ވެއްޓިފައެވެ. އަދި ގެއާއެކު ހުރި ގުދަނުގައި ހުރި ސާމާނުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަލިފާން ރޯވި ތަނަކީ ގުދަން ކުރާ ސާމާނު ބަހައްޓާފައި ހުރި ތަނެކެވެ.

އައުޒަމް އިތުރަށް ވިދާޅުވީ އެ ގޭގައި ދިރިއުޅުނު މީހުން އެ މީހުންގެ އާއިލާ މީހެއްގެ ގޭގެއަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންނަށް ބޭނުންވާ ތަކެތި ކައުންސިލުން ފޯރުކޮށްދީފައިވާ ކަމަށެވެ.

ރޭ 8 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވާއިރު ފުރަތަމަ އަލިފާން ރޯވެފައި ވަނީ އަލްފާ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެއްގައެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ނުވެ މުޅި ގޭގައި ވެސް ހިފިއެވެ. އަލިފާންގަނޑު ނިއްވުމަށް މަކުނުދޫގެ ހުރިހާ ރައްޔިތުން މަސައްކަތް ކުރިކަން ފާހަގަ ކުރައްވާ ހުރިހާ ރައްޔިތުންނަށް އައުޒަމް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ބުނީ އަލްފާ ގޭގައި ރޯވި އަލިފާން ނިއްވުމުގައި އެ ރަށު ކައުންސިލާއި ރައްޔިތުންނާއެކު އެ ރަށުގައި ހުންނަ ރާޑާ ސްޓޭޝަނުގައި މަސައްކަތް ކުރާ ސިފައިން ހަރަކާތްތެރި ވެފައި ވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 8:31 ހާއިރު ކަމަށެވެ.

ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގައި އަލިފާން ރޯވިއިރު ގުދަނާ އިންވެގެން އެ ގޭގެ ބަދިގެ ހުންނަކަމަށާއި މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ގުދަނަށާއި ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވެއެވެ.