މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅު އަލްސަން މުހައްމަދު ކަން އެނގިއްޖެއެވެ.
މިރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ. މިރޭ ހިނގި މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. އެ މީހުންގެ ތެރެއިން އަނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ތޭރަވާ އާއި އަޝްފާގެ ދަރިފުޅެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި ތޭރަވާ އާއި އަޝްފާގެ ބަހެއް ލިބިފައެއް ނުވެއެވެ.
މި އެކްސިޑެންޓްގައި ދެން އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ނިޔާވި 17 އަހަރުގެ ކުއްޖާ އާއި އަނިޔާވެފައިވާ 16 އަހަރުގެ ކުއްޖާ އަކީ ސައިކަލުގައި ތިބި މީހުން ކަމަށް ފުލުހުން ބުނެއެވެ. 40 އަހަރުގެ މީހާ އަކީ މަގު ހުރަސްކުރި މީހާ ކަމަށް މައުލޫމާތު ލިބެއެވެ.
16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ ފިރިހެން މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.