ނ. ހެނބަދޫ އާއި ރ. އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓު ކޮށްފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
ނ. ހެނބަދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާ، ޓެސްޓްކޮށް ކަމިޝަންކޮށްފައި ވާއިރު މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބަހައްޓާފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.އަދި ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ރ. އިންނަމާދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާ، ޓެސްޓްކޮށް ކަމިޝަންކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން އެ ރަށުގައި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ.
މިއީ 50.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.