ހއ. ދިއްދޫގައި ގާއިމް ކުރަމުންދާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި ގާއިމް ކުރަމުންދާ ސްޓޭޓް-އޮފް-ދި-އާޓް ޓިވެޓް ސެންޓަރު ކުރިއަށް އޮތް އޮގަސްޓް މަހުތެރޭ ނިންމާލެވޭނެ ކަމަށާއި އެ ތަންތަނުގެ މަގާމުތަކަށް މީހުން ހޯދަން ހަޔާ އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ.

ހއ. ދިއްދޫގައި ގާއިމް ކުރަމުންދާ ޖޫނިއާ ކޮލެޖުގެ މަސައްކަތާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލަުމާތު ދެމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ އިމާރާތުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައި ވާ ކަމަށެވެ. އިމާރާތް ރޭނުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު އެ އިމާރާތުގެ ތިރީ ބައިގެ އިމާރާތުގެ ބޭރުން ސިމެންތި ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ބުންޏެވެ. އަދި މިހާރު ކުރިއަށް ދަނީ އެ އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގެ އެތެރޭގައި ސިމެންތި ޖެހުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށި މި ޕްރޮޖެކްޓްގެ 55 ޕަސެންޓް ނިމިފައިވާ އިރު އަންނަ ޖުލައި މަހުގެ ތެރޭގައި އެ ކޮލެޖްގެ މަސައްކަތް އެކޮށް ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަލިފުށީގައި ގާއިމް ކުރާ ޓިވެޓް ސެންޓަރު

ރ. އަލިފުށީގައި ގާއިމް ކުރާ ޓިވެޓް ސެންޓަރުގެ މަސައްކަތުގެ ތަފްސީލް ހާމަކުރަމުން އެ މިނިސްޓްރީން ބުނީ، އެ އިމާރާތުގެ އިންސްޓިޓިއުޝަން ބްލޮކާއި، އެކަމަޑޭޝަން ބްލޮކް އަދި ރިކްރިއޭޝަން ބްލޮކްގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޯޓްޔާޑް ބްލޮކްގެ ތަނބުތަކުގެ މަސައްކަތް ނިންމައި މަތީ ބީމްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ޖޫން 29 ގައި ފެށި މި މަސައްކަތް ނިންމޭނީ އަންނަ އޮގަސްޓް މަހަށް ކަަމަށް އެމިނިސްޓްރީން ލަފާ ކުރެއެވެ. މިހާތަނަށް މި މަސައްކަތުގެ ޖުމްލަ 53 ޕަސެންޓް ވަނީ ނިމިފައި ކަމަށް ވެސް ބުނެއެވެ،

ހއ. ދިއްދޫގައި ތަރައްގީ ކުރަމުންދާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި ތަރައްގީ ކުރަމުންދާ ޓިވެޓް ސެންޓަރުގެ ބައެއް މަގާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހަާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެ ދެ އިންސްޓިޓިއުޓަށް އެޑްމިން އޮފިސަރުން ނެގުމަށް ވެސް ވަނީ އިއުލާން ކޮށްފައެވެ. އެޑްމިން އޮފިސަރުންގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.

އެ މަގާމުތަކަށް ހޮވޭ ފަރާތްތަކުން ފުރަތަމަ 4-6 ހަފްތާގައި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އިންސްޓިޓިއުޓްގެ ވޯކް އޭރިއާ ސެޓަޕް ނިމުމާއެކު މަސައްކަތްތައް އިންސްޓިޓިއުޓުގެ އިމާރާތަށް ބަދަލުވެގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށްޓަކައި ދެ މެނޭޖަރުން ނެގުމަށް މިދިޔަ ހަފްތާގައި ވަނީ އިއުލާނު ކޮށްފައެވެ.

މި މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ މިތަންތަން ހުޅުވުމަށްޓަކައި ޕްރީ އޯޕަނިން ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި މޮނިޓާ ކުރުމާއި، އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒު ކުރުމާއި، އިންސްޓިޓިއުޓްގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށް ދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރަށް އިންސްޓިޓިއުޓްގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމެވެ.