ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިރުކުރުން ދަ ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ 19 ވަނަ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ދުރުކުރުން އެ ޕާޓީއިން ކުށްވެރި ކުރާ ކަމަށާއި ޕާޓީއިން އެކަން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ހުރި ގޮންޖެހުންތަކަށް ތަސައްރަފުކުރާ އަލިގަދަ ދަލީލެއް ކަމުގައެވެ.

އީވާ އަބްދުﷲ އަކީ ގިނަ ސިޔާސީ ޕާޓީ ވާދަކުރާ އިންތިހާބުތައް އާ ގާނޫނު އަސާސީގެ ދަށުން ބާއްވާން ފެށިފަހުން ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގައި މެދުކެނޑުމެއްނެތި ހިދުމަތްކުރައްވާފައިވާ ސީނިއާ ޕާލިމެންޓޭރިއަނެއްކަމާއި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރެއްކަން ދަ ޑިމޮކްރެޓްސްއިން ފާހަގަކޮށްފައިވެއެވެ. އަދި ދެ ދައުރު ބަޖެޓު ކޮމިޓީގެ އިތުރުން އިގްތިސޯދީ ކޮމިޓީގައި އީވާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ސިޔާސީ އިސްލާހީ ހަރަކާތުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައިވާ އީވާއަކީ އިންތިހާބީގޮތުން ދިވެހިރާއްޖޭގެ އެންމެ ސީނިއާ މަގާމެއްގައި ހުރި އަންހެނާ ކަމަށެވެ. އެގޮތުން ބަލާއިރު ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީ މެންބަރުކަން އިވާ އަދާކުރައްވާފައިވާއިރު އޭނާގެ އިލްމީ އަދި ފަންނީ ގާބިލުކަމާއި، ޝަހްސިއްޔަތުގެ ހަރުދަނާކަމާމެދު ޝައްކު އުފެދިފައި ނުވާކަމަށް ވެސް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުން ކަމަށްވާއިރު އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

މީގެ ކުރިން އީވާ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މަގާމު ދިފާއު ކުރުމަށްޓަކައި ސިޔާސީ ބޮޑު ކަސްތޮޅެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.