ޓެކްސީގެ ހިދުމަތް ދޭ ކާރުތަކުގައި ޑޭޝް ކެމެރާ ހަރުކޮށް ހިދުމަތް ދޭ ހުރިހާ ވަގުތެއްގައި ޓެކްސީގައި ކެމެރާ ހަރުކޮށްފައި ބަހައްޓަން ޖެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމާ ގުޅޭ ކަންކަން ބަޔާންކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ގަވައިދު ގެޒެޓްކުރީ މިދިޔަ އަހަރު އޮގަސްޓް މަސް ތެރޭގައެވެ. އެ ގަވާއިދުގައިވާ ގޮތުން ގެޒެޓްކުރަތާ ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދަށް އަމަލު ކުރަން ޖެހޭނެއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އެ ގަވާއިދު އިސްލާހު ގެނެސް، ގަވާއިދަށް އަމަލު ކުރުން ވަނީ މި މަހަށް ފަސްކޮށްފައެވެ.

ގަވައިދުގައި ބުނެފައިވަނީ ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި އެ ރިކޯޑިންތައް އެންމެ މަދުވެގެން ހަތް ދުވަހުގެ މުއްދަތަށް ބަހައްޓަން ޖެހޭނެއެވެ.

ކާރު ޓެކްސީގެ މިންގަނޑުތަކުގެ ތެރޭގައި ޓެކްސީގެ ބިއްލޫރި އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ސާފުކޮށް ބޭރަށް ފެންނަ ގޮތަށް ހުރުމާ، އުޅަނދުގެ ކުރީ ސީޓަށާއި ފަހަތު ސީޓަށް އަރައި ފޭބޭ ގޮތަށް މަދުވެގެން ހަތަރު ދޮރުފަތް ހުރުމާ އެކު، ޖާގައިގެ ގޮތުން ތަނަވަސް ޑިކީއެއް ހުރުން ހިމެނެއެވެ. އުޅަނދުގެ ދެ އަރިމަތީގައި ބޭރަށް ފެންނަ ގޮތަށް، ހިދުމަތް ދޭ ޓެކްސީ ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ހުރުމުގެ އިތުރުން ޓެކްސީ ޑްރައިވަރުގެ ލައިސަންސް ފަސިންޖަރުންނަށް ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން ހިމެނެއެވެ.

މީގެ އިތުރުން ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކާ އުޅަނދުގެ ވިންޑްސްކްރީންގައި ފެންނަ ހުރުމާއެކު ޓެކްސީ ހިދުމަތް ދިނުމުގެ އަގުތަކާއި ތަފުސީލު ފަސިންޖަރުންނަށް ފެންނާނެހެން ހަރުކޮށްފައި ހުންނަންޖެހެއެވެ.