ބައެއް މީހުންނަކީ ބިރުވެރި ފިލްމުތައް ބަލާފައި ރޭގަނޑު އެކަނި ފާހާނާ އަށް ވެސް ވަންނަން ނުކެރޭ މީހުންނެވެ. އަނެއްބައި މީހުންނަށް ބިރުވެރި ފިލްމެއް ބެލުމަށްފަހު ނުނިދިގެން އެތައް އިރަކު އެނދުގައި ފުރޮޅި އޮންނަން ޖެހެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މަޖަލަކަށް ވެސް ބިރުވެރި ފިލްމު ބަލާ މީހުންނެވެ. އެމީހުންގެ މަގްސަދަކީ ބިރުގަންނަ ބަޔަކާއެކު ފިލްމު ބަލަން އިނދެ އެމީހުން ބިރުގަންނުވާލުމެވެ. އެފަދަ މީހުންނަކީ ވަރަށް ބިރު ކުޑަ ކަމަށް ހެދިގެން ނުވަތަ އަސްލުވެސް އެއްގޮތަކަށްވެސް ބިރު ނުގަންނަ މީހުންނެވެ. ނާމާން ފަޅުގެ ތަކަށް ވަންނަ ޖެހިލުންކުޑަ ޒުވާނުންވެސް އުޅެއެވެ. މި ލިޔުމުގައި ފާހަގަކޮށްލާނީ އިންޑިއާގައި ހުރި ނާމާން ބައެއް ތަންތަނުގެ ވާހަކައެވެ.
1. ބަންގާ ފޯޓު، ރާޖަސްތާން
ރާޖަސްތާނުގައި ހުންނަ ބަންގާ ފޯޓަކީ ނާމާން ތަނެކޭ އެ އަވަށު ގިނަ މީހުން ބުނެއެވެ. އަދި އެވަށުގެ ދުވަސްވީ މީހުންވެސް އެކަމަށް އެއްބަސްވެއެވެ. 17 ވަނަ ގަރުނުގައި ހެދި މިތަނަކީ ރާޖާ ބަގްވަންތު ދާސް އިމާރާތް ކުރި ތަނެކެވެ. މިތަނަކީ އިރުއޮއްސޭ ވަގުތުން ފެށިގެން އިރުއަރަންދެން ބަންދުކޮށްފައި ހުންނަ ތަނެކެވެ. އެއީ މިތަނުގެ ނާމާންކަމުންނެވެ.
ބަންގާ ފޯޓު ހުންނަ ހިސާބުގައި މީގެ އެތައް ސަތޭކަ އަހަރު ކުރިން ޗަތުރު ކިޔާ މީހެއްގެ އަންހެން ދަރިފުޅު، ޕްރިންސަސް ރަޓްނަވާތީ ދިރިއުޅުނެވެ. ރަޓްނަވާތީ ދެކެ ލޯބިވެގެން އެ ހިސާބު ފިރިހެނަކު އޭނާ ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ލޯބި ކާމިޔާބު ނުވުމުން ސިހުރު ހަދައިގެން ވިޔަސް ރަޓްނަވާތީ ކާމިޔާބުކުރަން އެ ފިރިހެން މީހާ ބޭނުންވިއެވެ.
ރަޓްނަވާތީ ބަލަހައްޓަމުންދާ މެއިޑް، ސެންޓު ގަންނަން ދާކަން އެނގުމުން ސެންޓުތެރެއަށް އެއްޗެހިތަކެއް އެޅުމަށްފަހު މެއިޑަށް އެ ސެންޓު ފުޅި ފިރިހެން މީހާ ވިއްކިއެވެ. އޭނާގެ މަގްސަދަކަށްވީ އެ ސެންޓު ރަޓްނަވާތީ ގައިގައި ލުމެވެ. އޭރުން އޭނާގެ ލޯބި ކާމިޔާބުވީއެވެ. ނަމަވެސް ފިރިހެން މީހާގެ ނިޔަތް ގޯސްކަން އެނގި އޭނާ ކުރި ކަންތައް ރަޓްނަވާތީ އަށް ފަޅާއެރުމުން އެ ސެންޓު ފުޅި ތަޅާލުމަށް ފަހު ފިރިހެން މީހާ ގަޔަށް ވަރުގަދަ ހިލަގަނޑެއް އެއްލިއެވެ. އޭގެ ސަބަބުން އެ ފިރިހެން މީހާ މަރުވިއެވެ. މަރުވަމުން ދިޔަވަގުތު ރަޓްނަވާތީ އަށް ދުވަހަކުވެސް އުފަލުގައި ނޫޅެވޭނެ ކަމަށާއި އޭނާގެ އާއިލާ އަށްވެސް އުފާވެރި ދުވަސްތަކެއް ނާންނާނެ ކަމަށް ބުންޏެވެ. އޭގެ ފަހުން ބަންގާ ފޯޓުން ނާމާން އަޑުތައް އިވެން ފަށާ އެ ހިސާބު ދޫކޮށް މީހުން ދާން ފެށި ކަމަށް ބުނެއެވެ.
2. ޑޯ ހިލް، ކުރުސޮންގް
އިންޑިއާގެ ޓައުނެއް ކަމަށްވާ ޑާކިލިން ގެ 30 ކިލޯމީޓަރު ދުރުގައި ހުންނަ ޑޯ ހިލް އަކީ ނާމާންތަނެކެވެ. ފަތުރުވެރިންނަށް ޑާކިލިން އަށް ދެވުނު ނަމަވެސް ޑޯ ހިލް އަށް ދާ މަގުން ދުއްވަން ވެސް އޮންނަނީ މަނާކޮށްފައެވެ. އެ ހިސާބުގަނޑުގައި އުޅޭ ބައެއް މީހުން ބުނާގޮތުގައި އެތަނުން ޒުވާން ފިރިހެން ކުއްޖަކު ހިނގާފައި ގޮސް ޖަންގަލީގެ ތެރެއަށް ވަންނަ މަންޒަރު ފެންނަ ކަމަށާއި އަދި ޖަންގަލީގެ ތެރެއަށް ވަނުމާއެކު އެ ކުއްޖާ ގެއްލޭ ކަމަށެވެ. ޖަންގަލީގައި އުޅޭ ބައެއް މީހުންނަށް އެއްޗެއް ފާރަލާން އުޅޭހެން ހީވާތީ އެކަމުގެ ރިޕޯޓްވެސް ފުލުހުންނަށް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް މީހުން ބުނާގޮތުގައި މި ތަނަކީ މުށި ކުލައިގެ ހެދުމެއް ލައިގެން އުޅޭ އަންހެނަކު ދިރިއުޅޭ ހިސާބުގަނޑެއް ކަމަށެވެ.
3. ކުލްދަރާ ވިލޭޖް، ރާޖަސްތާން
13 ވަނަ ގަރުނުގައި ބިނާކުރި ކުލްދަރާ ވިލޭޖަކީ މީގެ އެތައް އަހަރެއް ކުރިން ބަޔަކު ވަރަށް ހިތްހަމަޖެހިގެން އުޅުނު ތަނެކެވެ. މީގެ ކުރިން އެއްވެސް ބިރުވެރި ކަމެއް މިތަނުގައި ހިނގާފައި ނުވިނަމަވެސް ފަހަކަށް އައިސް އާދަޔާ ހިލާފު ބިރުވެރި އަޑުތައް މިތަނުން އިވެއެވެ. އަވަށުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ދެކެ އެތަނުގައި ރަސްކަން ކުރި މިނިސްޓަރު ސާލިމް ސިންހް ހިތާވިއެވެ. އޭނާގެ މަގާމުގެ ބޭނުންކޮށްގެން ގަދަ ބާރުން އެ އަންހެން ކުއްޖާ އާ ކައިވެނިކުރަން އުޅުނެއެވެ. ނަމަވެސް އެކަން ކުރަން އަންހެން ކުއްޖާގެ ބައްޕަ އެއްބަސް ނުވުމުން ސާލިމް ވަނީ އަންހެންކުއްޖާ އާ ކައިވެނި ނުކުރެވިއްޖެ ނަމަ އެ އަވަށް އެއްކޮށް ފުނޑުފުނޑު ކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރުތަކާއެކުވެސް އެކަން ސާލިމް އަަށް ފުރިހަމަ އެއް ނުވިއެވެ. އޭގެ ފަހުން އެ އަވަށުގެ މީހުން އެހެން އަވަށްތަކަށް ބަދަލުވާން ފެށިއެވެ. ނަމަވެސް އެ އަވަށުގެ މީހުން އެ އަވަށް ދޫކޮށް ދިޔައީ ސިހުރު ހަދާފައެވެ. އޭގެ ފަހުން ކުލްދަރާ ވިލޭޖް ހުންނަނީ ފަޅަށެވެ. އެތައް ބަޔަކު އެތަނުގައި ދިރިއުޅެން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ މިއަދާ ހަމައަށްވެސް ކާމިޔާބުވާ ގޮތް ނުވެފައެވެ.
4. މަލްޗާ މަހަލް، ދިއްލީ
ފިރޯލް ޝާހް 1325 ގައި ބިނާކުރި މިތަނަށް އާންމުކޮށް މީހުން ކިޔާ އުޅޭ ނަމަކީ ވިލާޔަތް މަހަލް އެވެ. ރަސްކަލުގެ އާއިލާ އަކަށް ނިސްބަތްވާ މީހެއް ކަމަށްބުނެ ވިލާޔަތް އެތަނަށް ގަދަވެގަތެވެ. އެތަނުގައި ދިރިއުޅެން ފެށި ވިލާޔަތު މަރުވީ 1985 ވަނަ އަހަރުގެ މެއި މަހު ދަންޖެހިގެންނެވެ. އޭރު އޭނާގެ އުމުރަކީ 62 އަހަރެވެ. ވިލާޔަތު މަރުވުމުން އޭނާގެ ދަރިފުޅު ސަކީނާ މަަހަލް އާއި ފިރިހެން ދަރިފުޅު ޕްރިންސް އަލީ ރާޒާ ދިރިއުޅެން ފެށިއެވެ. ނަމަވެސް އެތަނުގައި ނާމާން އަޑުތަކެއް އިވެންފެށި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކަށް ގިނަ މީހުން ބުނީ ވިލާޔަތު އެތަނުގައި ދަންޖެހިގެން މަރުވުން ކަމަށެވެ.
5. މުކޭޝް މިލްސް، މުމްބާއި
1800ގައި ބިނާކުރި މުކޭޝް މިލްސްގެ ނާމާންކަމުގެ ވާހަކަ އިވެންފެށީ އެތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެންނެވެ. އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ބަޔަކު އެތަނުގައި ތިއްބާ އަލިފާނުގެ ހާދިސާ ހިނގުމާއެކު އެމީހުން ތާށިިއެވެ. މުކޭޝް މިލްސް ގައި ގިނަ ބަޔަކު އެވަގުތު ތިއްބާ އެ ހާދިސާ ހިނގިއިރު އެތަނުގައި ތިބި އެންމެންވެސް އަލިފާނުގެ ހާދިސާގައި ވަނީ މަރުވެފައެވެ. އޭގެ ފަހުން އެތަނުގައި މަރުވި ބައެއް މީހުންގެ ރޫހު އުޅޭ ކަމަށް ބަޔަކު ބުނާއިރު އެތަނާ ކައިރިން ހިނގާފައި ދާއިރު ނާމާން އެއްޗެހި ފެންނަ ކަމަށްވެސް ބަޔަކު ބުނެއެވެ.