މާލޭ ގެއަކަށް ވަދެ، ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރުން މީހަކަށް ހަމާދިން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އުމުރުން 34 އަހަރުގެ ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހިމް ސަމީންއެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާ އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާއިވާއިރު އިބްރާހިމް ސަމީން ހޯދަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ބުނެއެވެ.

އިބްރާހިމް ސަމީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.