އަންނަ ޖުލައި މަހުގެ ކުރީކޮޅު ހުވަދު އަތޮޅުގައި އާރްޓީއެލް ހިދުމަތްތައް ފަށަން މަސައްކަތް ކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ހުވަދުއަތޮޅުގެ އާރްޓީއެލްގެ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެ އަތޮޅުގައި ހިދުމަތް ފަށަން ނިންމާފައި ވަނީ 6 އުޅަނދާއި އެކުގައި ކަމަށާއި ނަމަވެސް ޖުލައި މަސް ނިމެންވާއިރު އެ އަދަދު 8 އަށް އިތުރުވާނެ ކަމަށެވެ. އަދި ހުވަދު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށޭނެ ކަމަށް ލަފާކުރައްވަނީ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވަނީ ދާދި ދަހުން މިނިސްޓްރީގެ ޓީމެއް ހުވަދު އަތޮޅަށް ގޮސް މި ހިދުމަތާމެދު އާއްމުންގެ ހިޔާލު ހުރި ނެތް ގޮތް ސާފުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
6 ޒޯނަކަށް ބަހާލައިގެން އާރްޓީއެލް ފެރީގެ ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން ދާއިރު މުޅި މަޝްރޫއު ނިމޭއިރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ 82 އުޅަނދާއި 188 ފެރީ ޓާމިނަލް ހުންނާނެއެވެ. މިހާރުވެސް ހަތަރު އަތޮޅަކަށް އާރްޓީއެލް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން ހއ އަތޮޅާއި ހދ އަތޮޅާއި ށ އަދި ޅ އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށް ހިމެނެއެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އާރްޓީއެލް ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަކީ ސަރުކާރުގެ އަމާޒެވެ. ހުވަދު އަތޮޅަށް ފަހު ދެން އެމްޓީސީސީން މަސައްކަތް ފަށާނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށެވެ.