ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ ޅ. ކުރެންދޫ / ހުދުފަޅު، އަބްދުއްނާފިއު އިބްރާހިމް (17އ) ކަމަށެވެ. އޭރު ފުލުހުން ބުނީ އެކުއްޖާ ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރޭގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ނާފިއު ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިރޭ ފުލުހުން ބުނީ ނާފިއު މިރޭ އަމިއްލައަށް ގެއަށްގޮސްފައިވާކަން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ފަހުގެ ތާރީހުތަކުގައި މީހާ ވީނުވީ ނޭނގި ނުފެނިވެސް އެބަ ހުއްޓެވެ.