ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހޯދަމުންދާ އިބްރާހީމް އަބްދުﷲ (ގައްބަރޭ) އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ގައްބަރޭ ހޯދަން އިއުލާނު ކުރިފަހުން މިހާރު ހަފްތާއެއް ވެފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރު ކުރުމަށްޓަކައި ކ. މާލެ މއ.ނައިޓްވިލާ އުމުރުން 32 އަހަރުގެ ގައްބަރޭ ހޯދަން ފުލުހުން އިއުލާނުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ފުލުހުން ބުނެފައިވަނީ ގައްބަރޭ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.

އިބްރާހިމް އަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.

ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މި މަހުގެ 1 ވަނަ ދުވަހު ޒަރީރުއަށް ހަމަލާދީފައި ވާއިރު ފުލުހުން ބުނެފައި ވަނީ އޭނާއަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުން ކަމަށެވެ. މި ހަމަލާ އާއި ގުޅިގެން ޒަރީރަށް ވަނީ އޭޑީކޭގެ އެމަޖެންސީގައި ފަރުވާދީފައެވެ.