ހުޅުމާލެ އަކީ ތިމާވެއްޓާ ރައްޓެހި އަދި ފެހި ތަނަކަށް ހެދުމަށް އާބަންކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފިތުރޯނު ގަސްތައް ކަނޑައި، ބަދަލުގައި އެގްޒޯޓިކް ޕްލާންޓު އިންދަން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، މި ގަސްތައް ކެނޑިކަމުގައި ވީނަމަވެސް، މި ގަސްތަކުގެ ބަދަލުގައި ހަމަ އެތަނުގައި އެ ކުންފުނީގެ ފަރާތުން އަންނަނީ ގަސް އިންދަމުން ކަމަށާއި އެގޮތުން ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވާނީ ވެސް ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ފަހުގައި ކަމަށެވެ.

ފިތުރޯނު ގަސްތައް ކަނޑާއިރުވެސް އެ ކުންފުނިން މަސައްކަތް ކުރަނީ އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ އަދި ހުޅުމާލޭގެ ފެހި ކަމާއި، ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލޭގެ ފިތުރޯނު ގަސްތައް ކަނޑައި، ބަދަލުގައި އެގްޒޯޓިކް ޕްލާންޓުތައް / ފޮޓޯ: އާބަންކޯ

އާބަންކޯއިން ބުނީ މިހާރު ނިރޮޅުމަގުގައި ހުރި ހުރިހާ ފިތުރޯނުގަސްތަކުގެ ބަދަލުގައި އެހެން ގަސްތައް ޖަހައި ފިތުރޯނު ގަސްތައް މިހާރު ކަނޑާފައިވާ ކަމަށާއި އަދި ފިތުރޯނު މަގުގެ އެއްބައިގައި ވެސް ހަމަ އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަސައްކަތް ޕްލޭން ކޮށްފައިވާގޮތުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނުގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

ގަސް ކަނޑަނީ ކީއްވެ؟

އާބަންކޯއިން ބުނީ، ފިތުރޯނު ގަސްފަދަ ބޮޑު ހިޔާވާ ގަސްތައް އިންދުމުގެ ފައިދާތަކެއްވީ ނަމަވެސް، އޭގެ ސަބަބުން ވާ ގެއްލުންތައް ވެސް ހުރި ކަމަށާއި އެގޮތުން މިފަދަ ބޮޑުކޮށް ހެދޭ ގަސްތަކަކީ ވަރަށް ޖާގަ ބޮޑު ހުސް ސަރަހައްދުތަކުގައި ހެއްދޭ ކަހަލަ ގަސްތަކަށްވާއިރު، ހުޅުމާލެ ތަރައްގީވަމުން އައިއިރު، މަގުތައް ހެދުމާއި، އިމާރާތްތައް ހެދުމުގެ ސަބަބުން ފިތުރޯނު ގަސްތައް ހެއްދިފައި ހުރި އާންމުންނާ ގާތުން މިފަދަ ސަރަހައްދުތަކުގައި ކަމަށެވެ.

ފިތުރޯނު ގަސްތަކުގެ ސަބަބުން މަގު ހަލާކވެ ތާރުގަނޑު ކަނޑައިގެންދަނީ / ފޮޓޯ: އާބަންކޯ

ހުޅުމާލޭގެ މަގުތަކަކީ ތާރު އަޅައިގެން ހަދާފައިވާ މަގުތަކަށްވާއިރު، ހުޅުމާލޭގައި މިހާރު ފިތުރޯނު ގަސްތައް އިންދާފައިވަ ސަރަހައްދުތަކުން އޭގެ ސަބަބުން ގެއްލުންތައް އަންނަނީ ފެންނަމުން ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން އެ ސަރަހައްދުތަކުގެ މަގު ހަލާކުވެ ތާރުގަނޑު ކަނޑައިގެން ދިއުމާއި، ޕޭމަންޓުތަކުގެ ގައުތައް ވެސް ނެގި މަގުގެ ބޭނުންކުރުން ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

ފިތުރޯނު ގަސްތަކުގެ ސަބަބުން މަގު ހަލާކވެ ތާރުގަނޑު ކަނޑައިގެންދަނީ / ފޮޓޯ: އާބަންކޯ

އާބަންކޯއިން ބުނީ، އެކުންފުނީގެ ފަރާތުން ގަސްތައް ކެނޑުމުގައި ބޮޑަށް ބަލަނީ އެފަދަ ސަރަހައްދުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އަދި މި ގަސްތައް ކެނޑިކަމުގައިވީ ނަމަވެސް، އޭގެ ސަބަބުން ހުޅުމާލެ އަށް ލިބޭ އެއްވެސް ފައިދާއެއް ނުގެއްލޭނެ ގޮތަށް އިތުރު ގަސްތައް އިންދަމުންދާ ކަމަށެވެ/