ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ 'ދަ ޑިމޮކްރެޓްސް' އަށް 3000 މެންބަރުން ހަމަވާނީ ކިރިޔާ ކަމަށް ދޭހަވާ މޭރުމަކުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަކަ ދައްކަވައިފިއެވެ.
ނިޒާރު މިފަދައިން ވިދާޅުވެފައި ވަނީ ކުރިން ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޕާޓީ ހައްދަވައިގެން އުޅުއްވާ ހާލަށް އިޝާރާތް ކުރައްވައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް ވެސް 3000 ހަމަނުވެގެން ދޭތެރެ ދޭތެރެ އިން އުޅެންޖެހޭތީ ޖޯކު ޖައްސަވަމުންނެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އުަފައްދަވައި ސިޔާސީ ޕާޓީއަށްވެސް 3000 ހަމަވާނީ ކިރިޔާ ކަމަށް ދޭހަވާ މޭރުމަރުން، މައުމޫން ޕާޓީގައި ވެސް 3000 ހަމަ ވަނީ ސޮއި ކުރި މީހުން ދުނިޔޭގައި ތިބީމައި ކަމަށް ވިދާޅުވެ ޖޯކު ޖައްސަވައެވެ.
ނިޒާރު ވާހަކަ ދައްކަވާފައި ވަނީ އެމްއާރްއެމްއަށް ޖެހުނު ހާލު ދަ ޑިމޮކްރެޓްސްއަށް ޖެހިދާނެ ކަމަށް ދެކެވަޑައިގަންނަވާ މޭރުމަކުންނެވެ. ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީގެ ތެރެއިން އުފަން ކުރި 'ފިކުރެއްގެ ދިރުން' ފެކްޝަނުން މިއަދު އިލެކްޝަނަށް ފޯމް ހުށަހެޅި އިރު އެ ފިކުރުގައި އިސްކޮށް މަސައްކަތް ކުރާ އާރުކާޓީގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ނިޒާރު ވިދާޅުވީ ކުދި ޕާޓީތައް ހުރުން އެއީ މައްސަލައެއް ނޫން ކަމަށާއި އެމެރިކާގައި ވެސް 420 ސިޔާސީ ޕާޓީއޮންނަ ކަމަށެވެ. އަދި ރާއްޖޭގައިވެސް ކަން އޮތީ އެފަދަ ގޮތަކަށް ކަމަށް އިޝާރާތް ކުރައްވާ ނިޒާރު ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅުންގެ "ކުޑަ" ޕާޓީތައް 3000 ގައި އެ ހިފައްޓަނީ އެ ޕާޓީތައް އުފައްދަން ސޮއި ކުރެއްވި އެންމެން ދުނިޔޭގައި ތިބުމުން ކަމަށެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދު ކުރައްވާ ނިޒާރު ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވެސް ރާއީސް ސޯލިހާއެކު މަސައްކަތް ކުރައްވާފައެވެ.