މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 14 ބިލު ހުށަހެޅުމަށް ނިންމައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުވާފައިވާކަމަށެވެ.
މި ގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ މުހިއްމު ބިލުތަކަކީ؛
- މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު
- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހައްޖާއި އުމްރާގެ ބިލު
- ޒަކާތުގެ ބިލު
- ފޮރިން އިންވެސްޓްމަންޓްގެ ބިލު
- ވިޔަފާރު ރަޖިސްޓަރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ފުރަތަމަ ދައުރަށް މަސައްކަތް ނިންމާލުމަށް ފަހު މަޖިލީސް ޗުއްޓީއަށް ދިޔައިރު، މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގައި ހުށަހަޅާފައިވާ 20 ބިލާ، މިއަހަރު ހުށަހަޅާފައިވާ 11 ބިލާ އެކު ޖުމްލަ 31 ބިލެއްގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ ތެރެއިން ނިންމާލެވިފައި ވަނީ ޖުމްލަ 2 ބިލެއްގެ މަސައްކަތެވެ. އެ ދެބިލަކީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އަދ 24 ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ.
މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިހާރު ވަނީ ފަށާފައެވެ.