ލޮނުގެ ހާއްސަ ސިޓީ، ބަކަމުތް ހިފިއްޖެ ކަމަށާއި ހަނގުރާމައިގައި ބައިވެރިވި ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށް ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ރޫކްރައިން ހަނގުރާމަ ފެށިތާ 15 މަސް ފާއިތުވެ ދިޔަ އިރު، ބަކަމުތް ހިފުމަކީ ރަޝިއާއަށް ނިމިދިޔަ 10 މަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އާބާދީގައި 70،000 މީހުން ދިރިއުޅުނު އެ ސިޓީ ހިފުމަށްޓަކައި ރަޝިއާއިން ކުރި ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލައި ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ހަތިޔާރު އެޅި ވެގްނާ ގްރޫޕު ކުރީސަފުގައި ތިބެ ޔޫކްރައިންގެ ފައުޖުތަކަށް ދެމުން ދިޔަ ހަމަލާތައް ދިގު ދެމިގެން ދިޔަ އިރު ޔޫކްރައިންގެ ސިފައިންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ބަކަމުތް ހިފުނު ކަމަށް ރަޝިއާއިން ބުނާ ވާހަކަތައް ވެރިފައި ކުރެވޭނެ ސީދާ ގޮތެއް ނެތް އިރު ޔޫކްރައިން އިން ބުނަމުން ދަނީ ބަކްމުތް ނުހިފޭ ކަމަށާއި ހަމަލާ ބަދަލުކުރަމުން ދާ ކަމަށެވެ. އަދި ބޮޑެތި ގެއްލުންތައް ލިބެމުން ދާ ކަމަށް އެއްބަސް ވެފައި ވެއެވެ.

ނަމަވެސް ވެގްނާ ގްރޫޕުން ވަނީ، ބަކަމުތްގެ ރަށުތެރޭގެ އިމާރާތެއްގެ މަތީގައި ރަޝިއާގެ ދިދަ އާއި ވެގްނާ ގްރޫޕުގެ ދިދަ ވިހުރުވާ ވީޑިއޯ އާންމުކޮށް ދިގުލީ ހަނގުރާމައިގައި އެ ސިޓީ ހިފިއްޖެ ކަން އިއުލާން ކޮށްފައެވެ. އަދި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ދިފާއީ މަގާމުތައް ގާއިމު ކުރުމާއެކު މިމަހުގެ 25 ގައި ބަކަމުތް ރަސްމީކޮށް ރަޝިއާ ސިފައިންނާ ހަވާލު ކުރާނެ ކަމަށް ވެސް ވެގްނާ ގްރޫޕުން ބުނެއެވެ. އެއާއެކު އެމީހުން ދެން ދާނީ އެހެން ސަރަހައްދުތަކުގައި ހުރި ކޭމްޕްތަކަށް ކަމަށާއި، ބަކަމުތް ހިފަން ރަޝިއާގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަމާއި ހަތިޔާރަށް ޝުކުރު އަދާ ކުރާ ކަމަށް އެ ގްރޫޕުގެ ލީޑަރު ބުނެފައި ވެއެވެ.

ބަކަމުތް ގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ރަޝިއާގެ ރައީސް ވިދާޅުވެފައި ވަނީ، ހަނގުރާމަ ކުރި އަދި ކާމިޔާބު ހޯދި ފަރާތްތަކަށް މެޑަލާއި އިނާމު ދެއްވާނެ ކަމަށެވެ.

ބަކަމުތްގައި ހަނގުރާމަ ހިނގަމުން ދިޔަ އިރު ވެގްނާ ބޮސް ވަނީ އެތައް ފަހަރެއްގެ މަތިން، މައިދާން ދޫކޮށް ދާން ޖެހިދާނެ ކަމަށާއި އެމީހުންގެ އަތުން ހަތިޔާރު ހުސްވާ ކަމަށް ބުނެ ރަޝިއާގެ ވެރިންނަށް އެއްޗެހި ގޮވާ، ބަކަމުތްގެ ހާލަތު ބެލުމަށް ރަޝިއާގެ ޑިފެންސް މިނިސްޓަރު ހާޒިރުވެވަޑައިގަތުމަށް އަމުރުވެސް ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ޓެލެގްރާމްގައި އާންމު ކުރި ވީޑިއޯއެއްގައި އޭނާ ބުނީ ހަނގުރާމަވެރިންގެ އަތް ދަށަށް ބަކަމުތް ލިބެމުން ދާ ކަމަށާއި ލަސްތަކެއް ނުވެ ހިފޭނެ ކަމަށެވެ. ބަކަމުތް އެއްކޮށް ހިފުނުކަން އިއުލާން ކުރީ މެއި 20، 2023 ގައެވެ.

ބަކަމުތްގައި ހަނަގުރާމަ ހިނގަމުން ދިޔަ އިރު، އެއީ ޔޫކްރައިންގެ ފައުޖު ތަކުންވެސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ސިޓީއެވެ. ހަނގުރާމައިގައި ފާއިތުވި 6 މަސް ތެރޭގައި ނުލިބޭހާ ކުރިއެރުން ޔޫކްރައިން ސިފައިން ހޯދާ، ހަނގުރާމަ ވެރިން 2 ކިލޯމީޓަރު ފަހަތަށް ޖެއްސި ކަމަށް ރިޕޯޓް ކުރިއެވެ. އަދި ޔޫކްރައިން އިން ބުނަމުން ދަނީ ވަރުގަދަ ހަމަލާތައް ބަދަލު ކުރެވެމުން ދާ ކަމަށާއި ހާލަތު ގޯސް ކަމަށެވެ.

"ބަކަމުތް އެއް ނުފިހޭ، ވަރުގަދައަށް ހަމަލާ އެބަ ބަދަލު ކުރެވޭ، ވައިގެ ބަނދަރުތަކާއި އިންފްރާސްޓްރަކްޗާތައް ކޮންޓްރޯލް ކުރަމުން ދަނީ ޔޫކްރައިންގެ ފައުޖުތަކުން" ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަންނާ މަލިއަރު ވިދާޅުވެއެވެ.

ރަޝިއާއިން ހަނގުރާމައިގައި ކުރި ހޯދަމުން ދާކަން އިއުލާން ކުރި އިރު، ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އުޅުއްވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖީ7 ގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ޖަޕާނުގައެވެ.

ޒެލެންސްކީ ވިދާޅުވަނީ، ދިގުދެމިގެންދާ ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވެ ވަޑައިގަންނަވާ ކަމަށާއި އެއްގަމާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެއްވާނެ ކަމަށެވެ.