މައްކާގެ ހަރަމްފުޅާ ކައިރި އިބްރާހިމް ހަލީލް ރޯޑްގައި ހުރި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 8 މީހަކު މަރުވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން މިހާދިސާގައި އިތުރު މީހަކު ޒަހަމްވެފައި ވާ އިރު މަރުވީވެސް އަދި ޒަހަމް ވީވެސް ޕާކިސްތާނަށް ނިސްބަތްވާ އުމްރާވެރިންނެވެ. އަލިފާން ރޯވި ހޮޓަލުގައި އެވަގުތު ޕާކިސްތާނާއި ބަންގްލަދޭޝް ގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ އުމްރާވެރިންވެސް ތިބިކަމަށް ބުނެއެވެ.

ކަރަންޓް ޝޯޓަކުން ހިނގި މިހާދިސާގައި އެހެން ގައުމެއްގެ ރައްޔިތަކަށް އަނިޔާވެފައި ނުވާ ކަމަށް ސައުދީގެ އިދާރާތަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

މިހާދިސާގައި އަލިފާން ރޯވި ހޮޓަލުގެ ނަން ހާމަ ކޮށްފައި ނުވި ނަމަވެސް އެ ހޮޓަލަކީ ގިނަ އަދަދެއްގެ ޕާކިސްތާން މީހުން ގޮސް އަބަދުވެސް ތިބޭ ހޮޓަލެއް ކަމަށާއި ހަލީލް ރޯޑްގެ އެ ސަރަހައްދަކީވެސް ޕާކިސްތާން މީހުން ގިނަ ސަރަހައްދެއް ކަމަށް ހަބަރު ލިބެއެވެ.

އަލުފާނުގެ ހާދިސާ ހިނގި ހޮޓަލުން މީޙުން ފައިބަނީ

މިހާދިސާ އާ ގުޅިގެން ޕާކިސްތާންގެ ފޮރިން މިނިސްޓްރީން ޖިއްދާ އާ ގުޅައިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ޕާކިސްތާނަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖަށާއި އުމްރާއަށް ދާ ގައުމެކެވެ. ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް 200،000 މީހުން އުމްރާއަށް ދިޔައެވެ. މިއީ އިންޑޮނީޝިއާ ނަގާފައި އެންމެ ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ފޮނުވާ ގައުމެވެ.