މިދިޔަ ކުއާޓާގައި 10،617 އުޅަނދެއްގައި ސްޓިކާ ޖަހާ، 614 އުޅަނދެއް ޓޯކުރި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ބުނީ މި އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް 539 އެކްސިޑެންޓެއް ހިންގާފައިވާ ކަމަށާއި އެ އެކްސިޑެންޓުތަކުގައި 77 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކި އެކި އެފަދަ މައްސަލަތަކުގައި ގިނަ އަދަދަކަށް ޖޫރިމަނާކޮށްފައިވާއިރު 5093 ސައިކަލެއް އަދި 3978 ކާރެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. އަދި 853 ޕިކަޕަކާއި 475 ވޭނަކާއި 107 ޖީޕެއްގައި އަދި 111 ޓްރަކެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.

އެ މުއްދަތުގައި ޓޯކުރި އުޅަނދުތަކަށް ބަލާއިރު 543 ސައިކަލަކާއި 40 ކާރެއްގެ އިތުރުން 8 ޕިކަޕެއް ހިމެނޭއިރު 7 ވޭނަކާއި 13 ބައިސްކަލެއް އަދި 3 ބެޓެރި ސައިކަލެއް ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ ކުއާޓާގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު 964 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ އެފަދަ މައްސަލަތަކުގެ ތެރެއިން 3 ޕަސެންޓް މައްސަލަ ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުން މިފަދަ 759 މައްސަލައެއް ހުށަހަޅާފައިވާއިރު އައްޑޫ ސިޓީ 24 މައްސަލައެއް އަދި ފުވައްމުލަކު ސިޓީއިން 32 މައްސަލައެއް ވަނީ އެ މުއްދަތުގެ ތެރޭގައި ފުލުހަށް ހުށަހަޅާފައެވެ. އަދި ކުޅުދުއްފުށީ ސިޓީއިން 12 މައްސަލައެއް އަދި މީގެ އިތުރުން އެހެން އަތޮޅުތަކުން ހުށަހެޅި 137 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އެ ފަދަ މައްސަލަތަކުގެ 27 ޕަސެންޓް މައްސަލައަކީ ފައިސާ ވަގަށް ނެގި މައްސަލަތަކަށްވާއިރު 34 ޕަސެންޓް މައްސަލައަކީ މޯބައިލް ފޯން ވަގަށް ނެގި މައްސަލަތަކެވެ. އަދި 39 ޕަސެންޓަކީ ވެހިކަލް ވަގަށް ނެގި މައްސަލަތަކެވެ.

މީގެ އިތުރުން ޖިންސީ ކުށްތައް 69 މައްސަލައަކާއި ކުޑަކުދިންނާ ޖިންސީ ގޯނާކުރުމުގެ 36 މައްސަލައަކާއި ޖިންސީ ގޯނާގެ 6 މައްސަލައަކާއި ޖިންސީ އެހެން ކުށްތަކުގެ 22 މައްސަލައެއް ހިމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ 57 އަންހެނަކާއި 9 ފިރިހެން ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ ކުއާޓާގައި އެންމެ ގިނަ މަސްތުވާތަކެތީގެ މައްސަލަތައް ފެންމަތިވެފައިވަނީ ސައުތު ޕޮލިސް ރީޖަން ( ގދ، ގއ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ) ހިމެނޭ ސަރަހައްދުން ކަމަށްވާއިރު އެ ސަރަހައްދުން 57 މައްސަލައެއް ވަނީ ފުލުހަށް ހުށަހަޅާފައިއެވެ. އަދި އަޕާ ނޯތް ޕޮލިސް ރީޖަން ( ހއ، ހދ، ށ) އާއި ނޯތް ޕޮލިސް ރީޖަން ( ނ، ރ، ބ، ޅ) އިން 40 މައްސަލައެއް ހުށަހެޅިއިރު ނޯތް ސެންޓްރަލް ޕޮލިސް ރީޖަންއިން (ކ، އއ، އދ، ވ) 32 މައްސަލައެއް އަދި ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ( ފ، ދ، ތ، މ، ލ) އިން 24 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މިދިޔަ ކުއާޓާގައި ފުލުހުން އަތުލައިގެން މަސްތުވާތަކެތި:

  • ކެނެބިސް 8.896 ކިލޯ
  • ކޮކެއިން 3.063 ކިލޯ
  • ހެރޮއިން 2.151 ކިލޯ
  • އެހެނިހެން 2.183 ކިލޯ

އެ މުއްދަތުގައި ފުލުހުންނަށް ރިޕޯޓްކުރި ގެވެށި އަނިޔާގެ 58 މައްސަލައެއް ހިމެނޭއިރު އޭގެ ތެރެއިން 32 މައްސަލައަކީ މާލެ ސަރަހައްދުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި އެ މައްސަލަތަކުން 29 މައްސަލައެއްގައި އާއިލާގެ މެންބަރުން ޝާމިލުވާއިރު އަނެއް 28 މައްސަލައަކީ ކައިވެނިކޮށްގެން އުޅޭ މީހާގެ ފަރާތުން ކުރިމަތިވި ގެވެށި އަނިޔާގެ މައްސަލަތަކެވެ.

އެ މައްސަލާގައި ހިމެނޭ 67 ޕަސެންޓަކީ އަންހެނުން ކަމަށްވާއިރު ބާކީ 33 ޕަސެންޓަކީ ފިރިހެނުންނެވެ.